ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކުޑަކުރަން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމަށް ޕީއެންސީގެ ގިނަ މެންބަރުން ތާއިދު ކުރެއްވި ނަމަވެސް، އެއީ ސިޔާސީ ގޮތުން ޕީއެންސީއަށް ލިބޭނެ ގެއްލުމެއް ކަމަށް، ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމާމެދު ޕީއެންސީގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލުވުމަށް މުއިއްޒު، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ވަޓްސްއަޕް ގްރޫޕުގައި ލިޔުއްވީ އާދީއްތަ ދުވަހު އެވެ.
"އަޅުގަނޑަށް ފެންނަނީ މަޖިލިސް މެންބަރުކަން ކޮށްފައި ތިއްބަވާ ކުރީގެ އެމްޕީންނަށް މިހާރު ގާނޫނުން ދޭ ފައިސާގެ އަދަދު މަދުކުރަން. އަދި ކުރީގެ ރައީސުންނަށް ދޭ އަދަދު މަދުކުރަން. ރައްޔިތުން އެދެނީ އެ ގޮތް. އަޅުގަނޑުމެންނަކީ ރައްޔިތުންގެ މަންދޫބުން، ޚާދިމުން،" މުއިއްޒު ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންގެ ތެރެއިން ވަޓްސްއަޕް ގްރޫޕުގައި ހިޔާލު ފާޅުކުރެއްވި ގިނަ މެންބަރުން މުއިއްޒުގެ ވިސްނުމަށް ތާއިދު ކުރެެއްވި ނަމަވެސް ތާއިދު ނުކުރައްވާ މެންބަރުންގެ ތެރޭގައި، މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޭބެ، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ހިމެނެ އެވެ.
މެންބަރުންގެ އިނާޔަތް ކުޑަކުރުމަކީ ޖަނާބު ގަބޫލު ކުރެއްވާ ގޮތުގައި އެމްޑީޕީގެ މެންބަރުންގެ "ގަޅީގައި" ޖެހުމެވެ.

"އެމްޑީޕީ ބޮޓުންގެ މަކަރުގައި ޖެހިވަޑައިނުގަންނަވާ. އެމްޕީންގެ މުސާރަ ކުޑަކޮށް އިނާޔަތް ކެނޑުމުން ގެއްލުންވާނީ ސީދާ ވޯޓަށް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުންގެ ތެރެއިން އަމިއްލަ ވިޔަފާރިއެއް ކުރާ ތިބީ މަދު މެންބަރުންކޮޅެއް ކަމަށާއި ދެން ތިބީ އޭނާ ފަދަ ވިޔަފާރިއެއް ނުކުރާ މެންބަރުން ކަމަށް ޖަނާބު ވިދާޅުވި އެވެ.
މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ހައެއްކަ ނޫސްވެރިން ބުނާ ގޮތަށް އިނާޔަތްތަކާ ކުޅެފި ނަމަ ލިބޭ ފައިދާއަށް ވުރެ ސިޔާސީ ގޮތުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވިދާޅުވީ އިނާޔަތް ކުޑަކޮށްގެން ލިބޭނެ ފައިދާއެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މިކަން ކޮށްގެން އަޅުގަނޑުމެންނަށް ލިބޭނެ އޮންނާނެ ކަމަށް ނުދެކެން. ރައްޔިތުންގެ ޝަކުވާއަކީ މެންބަރުންގެ އެއްވެސް ބާރެއް ނެތްކަމުގެ ޝަކުވާ،" ފަޒީލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެންވެސް ކޮންމެ ދުވަހަކު ފޯމާ އެމްޕީންނަށް ވާނެކަން ހަނދުމަކޮށްލަން ވާނެ. އެހެންވީމަ ކަމެއް ނިންމުމުގެ ކުރިން ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަންތައްތައް ނިންމުމަކީ ބުއްދިވެރިގޮތް."
ކުރިން މެންބަރުކަން ކުރައްވާފައިވާ ވަރަށް ގިނަ ބަޔަކު ޕީއެންސީގައި އެބަ ތިއްބެވި ކަމަށާއި އިނާޔަތާ ކުޅެފި ނަމަ އެ މީހުންގެ ތާއިދު ގެއްލޭނެ ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ.
ފަޒީލްގެ ވާހަކައާ ގުޅުވައިގެން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މެންބަރުންގެ އިނާޔަތް ކުޑަކުރާނަމަ މުޅި ގައުމަށް ވެސް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.
"ސިފައިންނާއި ފުލުހުން ވެސް ވަޒީފާއިން ވަކިވީމަ ވެސް އެބަ ލިބޭ މުސާރައަށް ޖެހޭ ވަރު. ހުރިހާ ސިފައިންނާއި ފުލުހުންނާއި އަނބިދަރިންނާއި މައިންބަފައިންނަށް އެބަ ލިބޭ ބޭސްފަރުވާ. އަބަދު އެމްޕީންނަށް ލިބޭ ވަރު ބޮޑުވެގެން ވާހަކަ ދައްކާއިރު އަވައްޓެރި ގައުމުތަކުގެ އެމްޕީންނަށް ދޭވަރު ދިރާސާކޮށްލާފައި މިގޮތަށް ނިންމުން ރަނގަޅު ކަމަށް ފެނޭ. 55 އަހަރު ވުމުން ލިބޭ އިނާޔަތް 65 އަހަރަށް ބަދަލުކޮށްލުން މާރަނގަޅުވާނެ އުނިކުރުމުގެ ބަދަލުގައި. މެމްބަރުންނަށް މުސާރަ ކަނޑާވަރު ވެސް ވަރަށް ބޮޑު. އަދި އިމްކަމް ޓެކްސްވެސް ދައްކާ،" އޭނާ ވިދާޅުވި އެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ކުރީގެ މެންބަރުންނަށް ދޭ އިނާޔަތުގެ އިތުރުން ޑަބަލް ޕެންޝަނާއި ރިޓަޔާކުރާ މީހުންނަށް ލިބޭ އިނާޔަތާއި އިންޝުއަރެންސް ޕޮލިސީތަކަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަޓްސްއަޕް ގްރޫޕުގައި ލިޔުއްވީ 18 ވަނަ މަޖިލީހުން މެންބަރުންގެ ރޯދަ އިނާޔަތް ކުޑަކުރި ކުރުމުގެ ހަނދާނެވެ. އެއީ ރައްޔިތުންގެ ތާއިދު ހޯދުމުގެ ކުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
"މަޖިލިސް މެންބަރުންނަށް ކުރިން ލިބުނު ރޯދަ އެލަވަންސް ކަނޑާލީ ޕޮޕިއުލާ ވިސްނުމަށް ބަލައި 18 ވަނަ މަޖިލީހުގައި އެ ދައުރުގައި ޕީޕީއެމް މެންބަރުންގެ ތެރެއިން އިތުރު ދައުރަކަށް ހޮވުނު ހަތަރު މެންބަރުން،" ތޯރިގު ވިދާޅުވި އެވެ.
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކޮށްފި ނަމަ ރައްޔިތުންގެ ތާއިދު ލިބޭނެ ކަމަށް، ރައީސްގެ ވާހަކައަށް ތާއިދު ކުރެއްވި ބައެެއް މެންބަރުން ވިދާޅުވި އެވެ.













