ދިމާވި މައްސަލައެއް ހައްލު ނުކުރެވިގެން ފުވައްމުލަކު އެއާޕޯޓުގެ ވަގުތީ ގޮތުން ބަންދު ކުރުމުން ރަށުން އަރައި ފޭބެނެ ގޮތެއް ނެތި ރަށުގައި ގިނަ ބަޔަކު ތާށިވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރުން ފެށިގެން ފުވައްމުލައް އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓި، ހަވީރާއި ރޭގަނޑު އަދި މިރޭ ފަތިހު މާލެއަށް އަންނަން އޮތް ފްލައިޓްތައް ވަނީ ކެންސަލްވެފަ އެވެ.
"އެއާޕޯޓު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި. އެއާޕޯޓުގެ އޮޕަރޭޝަން ފެށުނުހާ އަވަހަށް މޯލްޑިވިއަން އިން އެކޮޅަށް ފްލައިޓްތައް އަޅަން ފަށާނަން. އެއާޕޯޓަށް ވެގެން އުޅޭ ގޮތް އެކޮޅުން ސާފުކޮށްލިއްޔާ ރަނގަޅުވާނީ،" މޯލްޑިވިއަންގެ އޮފިޝަލަކު ބުންޏެވެ.
ފުވައްމުލަކުގައި ތާށިވެފައި ހުރި މީހަކު މި ނޫހަށް ބުނީ ހަވީރު ފްލައިޓުން މާލެ އަންނަން އެއާޕޯޓަށް ދިޔުމުން ފަސް ގަޑިއިރުގެ ޑިލޭއެއް އުޅޭ ކަމަށް ބުނި ކަމަށެވެ. ނަމަވެސް ފަހުން ހުރިހާ ފްލައިޓްތަކެއް ކެންސަލް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
"އިއްޔެ ހަވީރު ފްލައިޓް އިނީ 5:30 ގައި ނައްޓާލާ ގޮތަށް. އެއާޕޯޓަށް ދިޔާމަ ބުނީ ފައިވް އަވާސްގެ ޑިލޭއެކޯ. އެކަމަކު ބުނީ ނޭގެއޯ ފްލައިޓް އަންނާނެ ކަމެއް ވެސް. ބައިވަރު މީހުން މަޑުކުރި،" އޭނާ ބުންޏެވެ.

އޭނާ ބުނީ ބައެއް މީހުން ބުނާ ގޮތުގައި އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުނީ ފަޔާ ޓްރަކަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އޮޕަރޭޝަންސްތައް ހުއްޓާލަންޖެހުނީ ރަންވޭއަށް ތެޔޮ އެޅިގެން ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފުވައްމުލަކުގައި ތާށިވެފައި ތިބި މީހުން ހަދާނެ ގޮތް ހުސްވެފައި ތިބިކަން ފާހަގަކޮށް އޭނާ ބުނީ މޯލްޑިވިއަންގެ އެކޮޅު ހޮޓްލައިން ވެސް އޮތީ ނިވާލާފައި ކަމަށެވެ.
ކަނޑުމަގުން އައްޑޫއަށް ގޮސް އެ ސިޓީން މާލެ ދެވޭނެ އިންތިޒާމު ހަމަޖައްސައިދޭން މޯލްޑިވިއަންގައި އެދުމުން އެ ކުންފުނިން ކަސްޓަމަރުން ކައިރި ބުނަމުންދަނީ އަމިއްލަ ހަރަދުގައި އައްޑޫއަށް ގޮސްފި ނަމަ ޖާގަ ހުރިއްޔާ މާލެ ފުރޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
އޭނާ ބުނީ ބައެއް މީހުން އިންޑިއާއަށް ޑޮކްޓަރަށް ދެއްކުމަށް މިއަދު ހެނދުނު މާލެއިން ފުރާ ފްލައިޓުން ޓިކެޓު ވެސް ނަގާފައިވާ ކަމަށާއި އެ މީހުންނަށް ވެސް ގެއްލުންތަކެއްވާނެ ކަމަށެވެ.
ޓޫރިޒަމަށް ފައްކާވެފައިވާ ފުވައްމުލަކަށް ގިނަ އަދަދެއްގެ ފަރުތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ވެސް ދެ އެވެ. އޭގެއިތުރުން ގިނަ އަދަދެއްގެ ދިވެހިން ވެސް އެ ރަށަށް ޗުއްޓީ ހޭދަކުރަން ދެ އެވެ.













