މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މުހިންމު މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ނިންމައިފި އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ މިނިވަން މީޑިއާ ނައްތާލާ ބިލުގެ މަސައްކަތް މިވަގުތު ކުރިއަށްގެންދަން މުހިންމު ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަން މިއީ ވަރަށް މުހިންމު ބިލެއް ކަމަށް. މިވަގުތު މި މަސައްކަތް ކުރިއަށްގެންދަން ވަރަށް މުހިންމު ކަމަށް އަޅުގަނޑު ފާހަގަ ކުރަން،" ޝަރީފް ވިދާޅުވި އެވެ.
ކޮމިޓީއިން މިއަދު ނިންމީ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން ބިލުގެ މަސައްކަތް ކުރިއަށްގެންދިޔުމަށާއި ބިލަށް ހިޔާލު ހޯދުމަށެވެ. އެ މަސައްކަތްތައް އަންނަ ހަފުތާގައި ކުރިއަށް ގެންދިޔުމަށް ވެސް ކޮމިޓީއިން ނިންމި އެވެ. އޭގެ އިތުރުން އެހެން މަސައްކަތެއް އެ ކޮމިޓީގައި މިއަދު ނުކުރެ އެވެ.
މަޖިލީހުން މިއަދު ނިންމީ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނީ ސެޕްޓެމްބަރު 6، ގެ ނިޔަލަށް ކަމަށެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އާއި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ޔޫތު މިނިސްޓަރާ ވާހަކަ ދެއްކުމަށް ވެސް ކޮމިޓީއިން ނިންމި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު (އެންޓްރެކް ހަންނާނު) ހުށަހެޅުއްވި މީޑިއާ ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރެވޭނެ މަގު ބަންދު ކުރެވޭނެ ގޮތަށެވެ. އެ ބިލުގެ ދަށުން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގެ ބާރު ރައީސް މުހައްމަދު މުއިއްޒަށް ނެގޭނެ މަގު ވެސް ބިލުން ފަހިވެ އެވެ.
އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، ނޫސްވެރިންނާއި ނޫސްތައް ޖޫޫރިމަނާކޮށް، ހުއްޓުވައި، ރެޖިސްޓްރޭޝަން ވެސް ބާތިލު ކުރެވޭނެ އެވެ.
އެ ބިލުގެ 60 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ބިލުގެ ބާރު ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާއަށް ވެސް އެ މީޑިއާއަކާ ގުޅޭ ނިސްބަތަކުން ހިނގާނެ" ކަމަށެވެ.
އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް އެ ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމަށް ހުރަސްއެޅޭނެ އެވެ. ބިލުގެ 40 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން، ދޮގަކަށް ވެދާނެ ފަދަ މައުލޫމާތެއް ވެސް ނޫހެއްގައި ޖެހުމަކީ ކުށެކެވެ.
އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި ފަހުން، މުއިއްޒު ގެންދަވަނީ މީޑިއާއާ ގުޅޭ ގޮތުން ދޮގު ފަތުރައި، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރުޅިވެރިކަން މީޑިއާތަކަށް އަމާޒުކޮށްފަ އެވެ.
"މި ހޯލު ތެރޭގަ މި ތިބީ އެންމެން. މިސާލެއްގެ ގޮތުގަ މިކަމާ ބެހޭ ގޮތުން އެއްޗެއް ދަންނަވާލާނަން. ތީގެ ތެރެއިން ބޭފުޅަކު ތިމަންނަގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ މިތާ ތެދުވެ އިއުލާނުކޮށްލަންވީ މިތާ ބޮމެއް އެބަ އޮތޭ. [އެހެން] ކިޔާފަ ހަޅޭލަވައިލައްވަންވީ. އެއީ މިނިވަންކަންތޯ. ދެން އެހެން މީހުންގެ ހައްގުތަކަށް އެ ހިސާބުން ވާނީ ކިހިނެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.











