ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް އެ ގާނޫނަށް އެތައް ބަދަލެއް ގެނައުމަށް ފަހު ކައުންސިލްތަކުގެ ބާރު ހަނި ނުކުރާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ކައުންސިލްތަކުން އުފައްދާ ކުންފުނިތަކުން ކުރެވޭ ވިޔަފާރިތަކުގެ ގިންތިތައް ކޮންޓްރޯލް ކުރުމަށް ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުތަކާއެކު ކައުންސިލްތަކުގެ ފަހު އަހަރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ.
ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ކައުންސިލްތަކުން އެ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރިއިރު މިރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ ކައުންސިލްތަކުން އެ ބަދަލާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އެ ކަންބޮޑުވުންތަކަށް އިޖާބަ ނުދެއްވާކަން މުއިއްޒުގެ ވާހަކަތަކުން އެނގެ އެވެ.
"އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ނުގެންނަމޭ. ލާމަރުކަޒީ ނިޒާމު އަޅުގަނޑަށް އިރާދުކުރެއްވިއްޔާ ވަރަށް ރަނގަޅަށް އެނގޭ. އެ ނިޒާމުގެ ތެރޭގައި އެކި ފަހަރު އެކި ގޮތަށް އުޅެވިފައި މިހުރީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އުޒުރެއް ގޮތުގައި ދެއްކެވީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އޭރުގެ ސަރުކާރުން ދަތިތަކެއް ކުރިމަތި ކުރުވުމެވެ. އޭރުގެ ސަރުކާރުން މާލޭގައި މޭޔަރަކަށް ހުރިއިރު އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެއްވާ ކަމަށް ވިދާޅުވެ މުއިއްޒު މިރޭ ގާނޫނަށް ގެނައި ބަދަލުތައް ދިފާއު ކުރެއްވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަކުން ކަންކަމަށް ހުރަސް އަޅާ ގޮތާއި އެޅީމަވާ ގޮތަށް އަޅުގަނޑަށް އެނގޭ. މި ސަރުކާރުން އެކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުން،" މުއިއްޒު ވިދާޅުވި އެވެ.
މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތައް
ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތައް
- އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުން
- އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންވާ މަސައްކަތެއް ނޫނީ ނުކުރެވުން
- ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވުން
- ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް މަތީގައި ބަޔާން ކުރާ އުސޫލަކާ ހިލާފުވެއްޖެ ނަމަ އެ ވިޔަފާރިއެއް ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހުން
ތަންތަން ކުއްޔަށް ދިނުމަށް އެޅި ހުރަސްތައް
- އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުން.
މާލީ ކަންކަމަށް ނުފޫޒު ފޯރުވުން
- ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކައުންސިލުތަކުގެ ބޭންކް އެކައުންޓުތައް ބަލަހައްޓަން މަޖުބޫރު ކުރުވުން
- ފިނޭންސް މިނިސްޓްރީ އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލުގެ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދިނުމަށް މަޖުބޫރު ކުރުވުން
ކައުންސިލުގެ މަސައްކަތަށް ހުރަސް އެޅުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނެގޭނެ މަގު ބަންދު ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ކުރުން
- ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނާ ކުރުން
މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ. މި ބިލުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ ކޯޓަށް ވެސް ވައްދާފަ އެވެ.













