މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ފަހަތުގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބައިނަލްއަގުވާމީ ޖަމިއްޔާ ސިވިކަސް އިން ކުށްވެރިކޮށްފި އެވެ.
ސިޔާސީ އަދި މަދަނީ ހައްގުތައް މޮނީޓާ ކުރާ ސިވިކަސް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މަދަނީ ހައްގުތައް އޮތީ މިހާރު "ހުރަސްއެޅިފައި" އޮތް ހާލަތުގައި ކަމަށެވެ. މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި މީޑިއާ ނެތިކޮށްލާ ބިލުގެ ސަބަބުން ހައްގުތައް އިތުރަށް ފަހަތަށް ޖެހޭނެކަން އެ ޖަމިއްޔާއިން ފާހަގަ ކުރި އެވެ.
"މިއީ މީޑިއާ ކުޑައިމީސްކޮށް މީޑިއާގެ ބާރު ކަނޑުވާލަން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއަށް އެންމެ ފަހުން އިތުރުވެގެންދިޔަ ބޮޅު،" ސިވިކަސް އިން ބުންޏެވެ.
ސިވިކަސް އިން ވަނީ "އަދަދު" އާއި "ރާއްޖެ ޓީވީ" އަށް މީގެ ކުރިން ސަރުކާރުން ބިރުދައްކާފައިވާތީ އެކަން ވެސް ފާހަގަކޮށްފަ އެވެ. އަދި ވަކިވަކި ނނޫސްވެރިންނާއި ނޫސްތަކަށް ބިރުދެއްކުމާއި އިންޒާރުދިނުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަ ކުރި އެވެ.
އޭގެ އިތުރުން، މުޒާހަރާކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅާތީ އެކަން ވެސް ސިވިކަސް އިން ފާހަގަ ކުރި އެވެ. އޭގެ ތެރޭގައި، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ނ. ހޮޅުދޫގައި ކުރި މުޒާހަރާއަށް ހުރަސް އެޅުމާއި މެއި މަހުގެ ތެރޭގައި ކުރި ޒުވާނުންގެ މުޒާހަރާއިން ދެ މީހަކު ހައްޔަރު ކުރުން ހާއްސަ ގޮތެއްގައި ސިވިކަސް އިން ފާހަގަ ކުރި އެވެ.

ސިވިކަސްގެ އިތުރުން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަދި މީޑިއާ ކައުންސިލުން ވެސް ވަނީ މީޑިއާ ނެތިކޮށްލާ ބިލު ކުށްވެރިކޮށް އެ ބިލު ބޭރު ކުރަން ގޮވާލައިފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ. އެކަމަކު، މައްސަލައިގައި ބުނާ ހާދިސާ ހިނގިތާ އަހަރެއް ފާއިތުވެފައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ކުރާތާ އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ މައްސަލަތައް ވެސް ކޮމިޝަނަށް ބެލޭނެ އެވެ.
ބިލުގައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.
ކޮމިޝަނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، މީޑިއާތަކުގެ ސުލޫކު ކަނޑައެޅުމާއި ނޫސްތައް ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.











