ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންނަ ގޮތަށް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ބުނެފި އެވެ.
އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ނަމުގައި ހުށަހަޅާފައިވާ އެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާވާނެ ކަމަށެވެ.
"އެ ބިލް ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް މި ޖަމްއިއްޔާއިން ދެކެން،" އެމްޖޭއޭއިން ބުންޏެވެ.
ހަންނާން ކުރިން ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވިކަން ފާހަގަކޮށް އެމްޖޭއޭއިން ބުނީ މިހާރު ހުށަހެޅުއްވި ބިލަކީ ވެސް ކުރީގެ ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެވެ.
ބިލުގައި ހުރެގެން އެމްޖޭއޭއިން ކަންބޮޑުވުން ފާޅުކުރާ އަދި ދެކޮޅު ހަދާ ކަންކަން:
- ނޫސްވެރިންނާއި މީޑިޔާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް ހިމަނާފައިވުން.
- ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެބިލުގައި ހިމަނާފައިވުން.
- ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ތިއްބަވައި އަދި އެމަނިކުފާނު ކަނޑައަޅުއްވާ ރައީސްއެއް ހުންނަވާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރުން.
- މީޑިއާތަކުން އެ ކޮމިޝަނަށް އިންތިހާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުން.
- މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑިއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވުން.
- ބިލާއި ގުޅޭ ކަންކަމުގައި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އިސްކޮށް އުޅުއްވައި ޕާޓީއަކަށް ނިސްބަތް ނުވާ އަމިއްލަ މެންބަރެއް ނަމުގައި ބިލު މަޖިލީހަށް ހުށަހެޅުން. އެގޮތުން އެކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތް ކަމަށް އެމްޖޭއޭއިން ތުހުމަތު ކުރޭ.
އަބަދުވެސް ވަކާލާތު ކުރަނީ ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބަލާއިރު މިހާރު އޮތް ނިޒާމް އިސްލާހުކުރަން ޖެހިފައިވީ ނަމަވެސް، ދެން އެކުލަވާލާ ނިޒާމު ވާންވާނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެ މީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

މީގެއިތުރުން އެމްޖޭއޭއިން ބުނީ އެފަދަ ނިޒާމެއް ގާއިމްކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްކަން ވެސް އެ ޖަމްއިއްޔާއިން ހަނދާކޮށްދިނެވެ.
އެމްޖޭއޭއިން މިހާރުގެ ބިލަށް ތާއީދު ނުކުރާކަން ހާމަކޮށް އެ ޖަމިއްޔާއިން ބުނީ ބިލު އަނބުރާ ގެންދަން ހުރިހާ ނޫސްވެރިންގެ ފަރާތުން ގޮވާލާ ކަމަށެވެ. އަދި މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން ވެސް ބިލު ބަލައިގަތުމަށް ވޯޓު ނުދިނުމަށް ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.













