ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ރޭ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުން އެ ކުއްޖާ ދުއްވާފައި ދިޔަ ސައިކަލު އެކްސިޑެންޓުވީ ފާރެއްގައި ޖެހި ކޮންޓްރޯލް ނުވެ، އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށެވެ.
ރޭ ދަންވަރު 2:40 ހާއިރު އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާއިރު، އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ ރޭ ދަންވަރު 3:38 ހާއިރު ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއީ ފާއިތުވެދިޔަ 24 ދުވަސް ތެރޭގައި މަގުމަތީ އެކްސިޑެންޓެއްގައި ނިޔާވި 18 އަހަރުން ދަށުގެ ދެވަނަ ކުއްޖާ އެވެ. މިދިޔަ ޖުލައި 13، ގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް 17 އަހަރުގެ ކުއްޖަކު ނިޔާވި އެވެ.













