ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނި ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންދަން ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ގޮވާލައިފި އެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމުގެ ފުރުސަތު އޮތް ކަމަށެވެ.
ކައުންސިލްތަކުގެ މާލީ ހާލަތު އޮތްގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ މަސައްކަތްތައް 10 މިލިއަނަށްވުރެ ބޮޑުވުމަކީ ނާދިރު ކަމެއްކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން ދެކޭ ގޮތުގައި ބިލު ފާސްކުރުމުން ނަތީޖާއަކަށް ވާނެ ކަންކަން:
1.ކައުންސިލްތަކުގެ ކުންފުނިތަކުން ސިޓީތަކާ، އަތޮޅުތަކާއި ރަށްތަކުގައި ރައްޔިތުންގެ ރައުސުލްމާލު އިތުރުކުރުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓޭނެ.
2. ސަރުކާރުން ރައްޔިތުންގެ ބިންތައް ބޭނުން ކުރުމުގައި ކުލި ނުނެގޭ ގޮތަށް އޮތުމުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރަސް އެޅި، ރައްޔިތުންގެ ބިންތައް އެސަރަހައްދެއްގެ ރަށްވެހިންގެ ބައިވެރިވުމާ ނުލައި ސަރުކާރުން ބޭނުން ފަރާތްތަކަށް ދިނުމަށް މަގުފަހިވާނެ.

3. 365 ދުވަސް ކުރިން ކައުންސިލަށް މުވައްޒަފުން ނެގުމާއި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރުން ހުއްޓޭ ގޮތަށް އޮތުމުން ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންތައް ތަންފީޒު ކުރުމަށް ހުރަސް އެޅޭނެ.
ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނީ އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކޮށްގެން ކެމްޕެއިން ކުރުން ހުއްޓުވުމުގެ ގޮތުން ބައެއް ގައުމުތަކުގެ އިންތިހާބާ ގާތްކޮށް ނުފޫޒު ފޯރުވުންވުން ހުއްޓުވުމަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރުމުގައި ހިފެހެއްޓުންތަކެއް ގެންނަ ކަމަށެވެ.
އެކަމަކު އެ ހިފެހެއްޓުންތައް ރާއްޖޭގެ ނިޒާމަށް ގެންނަން މަސައްކަތް ކުރަނީ ދިގުމުއްދަތަކަށް، ހަމަ އެކެނި ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާ ގޮތަށްކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފަ އެވެ.
"ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ފަރުމާކޮށްފައި ވަނީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއެކު އެކުލަވާލާފައިވާ ޕްލޭންތައް ތަންފީޒުކުރުމާއި، ރައްޔިތުންގެ ބޭނުންތަކަށް ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުން ކުރުމަށް ހުރަސް އެޅިގެންދާ ގޮތަށް،" އެ ޖަމިއްޔާއިން ބުންޏެވެ.
މީގެއިތުރުން މަރުކަޒީ ސަރުކާރަށް އެއްވެސް ހިފެހެއްޓުމެއް ނެތުމުގެ ނަތީޖާއަކަށްވާނީ ސަރުކާރުން ފައިސާއާ ނުފޫޒު ބޭނުން ކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް އިންތިހާބު އަނބުރާލުމަށް ފުރުސަތު ލިބުން ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.













