މުސްތަގިއްލު މުއައްސަސާތައް މުސްތަގިއްލު ކުރުމަށް ރައްޔިތުންގެ އަމުރާއި ރުހުން

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

އާޓްވޯކް: އިސްމާއީލް އިމްދާދު/އަދަދު

ފެހި ގާނޫނުއަސާސީން ވެރިކަން ހިންގުމުގެ ނިޒާމަށް ގެނައި ފުޅާ ބަދަލުތަކަކީ، އޭގެ އަސްލުގައި، ބާރުތައް ޑިމޮކްރަޓައިޒް ކުރުމަށް ގެނެވުނު ބަދަލުތަކެކެވެ. އެންމެ ބޮޑު ބޭނުމަކަށްވީ އެކެއްގެ އަތް މަތީގައި އޮތް ދައުލަތުގެ ހުރިހާ ބާރެއް ވަކިކޮށްލުމެވެ. އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވެ، އެއް ބާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ ފުރުސަތު ނުދީ ޖަވާބުދާރީ ކުރެވޭނެ ފަދަ ނިޒާމެއް ގާއިމު ކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުން ބޭރުކޮށް، މަޖިލީހަކީ ހަމައެކަނި ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ މެންބަރުން ތިބޭ ތަނެއްގެ ގޮތުގައި ކަނޑައެޅީ އެހެންވެ އެވެ. ރައީސްގެ އިހުތިޔާރުން މަޖިލިސް މިނިވަންކޮށް، ހަގީގީ މާނައިގައި ތަމްސީލީ ޑިމޮކްރަސީއަކަށް މަގުފަހި ކުރުމަށެވެ. އެންމެ މަތީ ކޯޓުގެ ދައުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަކިކޮށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ސުޕްރީމް ކޯޓެއް އުފެއްދީ އެ މަގުސަދުގަ އެވެ.

ތިން ބާރު ވަކިކުރުމުގެ އިތުރުން އެ ތިން ބާރަށް ފާރަވެރިވާނެ މިނިވަން މުއައްސަސާތަކެއް ވެސް އުފެއްދި އެވެ. ސީދާ ރައީސް އޮފީހުން ބަލަހައްޓަވަމުންދިޔަ އެތައް ކަމެއް، އެ އޮފީހުގެ ހަތަރު ފާރުން ބޭރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރާ މުވައްޒަފުން ޖަވާބުދާރީ ކުރެވޭނެ ފަދަ އިންތިޒާމެއް މި މިނިވަން މުއައްސަސާތައް މެދުވެރިކޮށް ހަމަޖެހިގެންދިޔަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)، އިލެކްޝަންސް ކޮމިޝަން (އީސީ)، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މި ޒިންމާ މަތިކޮށްފައިވާ އިދާރާތަކެވެ. ނަމަވެސް، މި އިދާރާތަކަށް ފާރަވެރިވުމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެވުނެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރެވިފައި ނުވެ އެވެ.

ގާނޫނުއަސާސީން ތަސައްވަރު ކުރި އިސްލާހީ ހެޔޮ ބަދަލުތަކުގެ ފޮނި ނަތީޖާ އާންމު ރައްޔިތު މީހާއާ ހަމައަށް ފޯރާފައި ނުވަނީ މި މިނިވަން މުއައްސަސާތައް ފެއިލްވުމުންނެވެ. ދައުލަތުގެ ނިޒާމީ އިންތިޒާމާ މެދު އަލުން ވިސްނަން ޖެހިފައިވާ މި ހައްސާސް ދަނޑިވަޅުގައި އެ މުއައްސަސާތައް ފެއިލްވެ ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބުތައް ދެނެގަންނަން ޖެހެ އެވެ.

މި ލިޔުމުގައި މައިގަނޑު ގޮތެއްގައި އަޅުގަނޑު ހިއްސާކުރަން ބޭނުން ވަނީ ގާނޫނުއަސާސީ ތަސައްވުރު ކުރި ގޮތަށް ކޯޓުތަކާއި މިނިވަން މުއައްސަސާތައް ފަންކްޝަން ކުރުމަށް ގެނެވިދާނެ ބައެއް ބަދަލުތަކެވެ. މިއީ އަޅުގަނޑުގެ ބައެއް ހިޔާލުތަކެވެ. މިއީ ވެސް މަޝްވަރާކޮށް ބަހުސްކޮށްގެން އަލުން ރައްޔިތުންގެ އިތުބާރު ހޯދަން ޖެހިފައިވާ މުހިންމު ކަންކަމެވެ.

ކޮމިޝަންތައް ފެއިލްވެގެންދިޔުން

ގާނޫނުއަސާސީ ޑްރާފްޓް ކުރިއިރު ހިޔާލަށް ގެނެވިފައި ނުވާ ފަދަ ކަންކަން މިދިޔަ 15 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިއްޖެ އެވެ. މި މުއައްސަސާތަކާ ގުޅޭ ގާނޫނުތައް އެކުލަވާލެވުނު އިރުގައި ގައުމު އޮތް ހާލަތާއި އަދުގެ ހާލަތާއި ހާސްބައި ތަފާތުކަން ގަބޫލުކުރަން ޖެހެ އެވެ. މި މުއައްސަސާތަކުގެ އަސާސީ މަގުސަދަކީ އޭރުގެ ވެރިންގެ ހުދުމުހުތާރުކަން ތަކުރާރުނުވާކަން ކަށަވަރުކުރުމެވެ. އެއިން ކޮންމެވެސް މިންވަރެއް އަޅުގަނޑުމެންނަށް ހާސިލުކުރެވިއްޖެ އެވެ.

އަޅުގަނޑުމެންގެ އިންތިހާބުތައް އިހުނަށް ވުރެ މިނިވަންވެފައި ހާމަކަން ބޮޑެވެ. ކުރިއާ އަޅާބަލާއިރު ސިފައިންނާއި ފުލުހުން މެދުވެރިކޮށް ހިންގި އަނިޔާވެރިކަން ވަރަށް ބޮޑަށް މައިތިރި ކުރެވިއްޖެ އެވެ. އަދި ސަރުކާރުން އެކަން އެހެން ގޮތަކަށް ބަދަލުކުރަން މަސައްކަތްކުރި ނަމަވެސް، ސިޔާސީ ގޮތުން އަނިޔާކުރުމަކީ މިހާރު ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. މިއަދުގެ ސަރުކާރުން އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތި ނަމަވެސް، ރައްޔިތުންގެ އަސާސީ ހައްގުތަކުގެ އިން ކަނޑައެޅި، ގާނޫނުއަސާސީގައި ހުދާއި ކަޅުން ލިޔެވިއްޖެ އެވެ.

އެކަމަކު އަދިވެސް ބަންދުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް މަދެއް ނުވެ އެވެ. އެ މަރުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އިންޓެގްރިޓީ ކޮމިޝަނާއި އެޗްއާރުސީއެމް އޮތީ ނުކުޅެދިފަ އެވެ. އިންސާނީ ހައްގުތަކާއި އަންހެނުންގެ ހައްގުތަކަށް އަރައިގަންނަ މީހުންނާއި، ވަކިން ހާއްސަކޮށް، ސަރުކާރުގެ މަގާމުތަކުގައި ތިބެ، ބާރާއި ނުފޫޒު ބޭނުންކޮށްގެން އެފަދަ ޖަރީމާތައް ހިންގާ މީހުންނާ ދެކޮޅަށް ފިޔަވަޅެއް ނޭޅެ އެވެ.

ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވެއްޖެ އެވެ. ބައެއް މައްސަލަތައް އޭސީސީއަށް ތަހުގީގު ވެސް ކުރެވިއްޖެ އެވެ. މަދު މައްސަލައެއްގައި ނޫނީ ދައުވާ އުފުލިފައެއް ނެތެވެ. ކޯޓެއްގައި ސާބިތު ކުރެވޭ ވަރަށް ހެކި ނުހޯދި، ގިނަ މައްސަލަތައް ޖެހެނީ ފައިލް ކުރާށެވެ. ރައްޔިތުންނަށް ގަބޫލުކުރެވެނީ މިހެން މިކަންކަން ވަނީ ސިޔާސީ ނުފޫޒަށް އޭސީސީ ދީލައިލާތީ ކަމަށެވެ.

ޖޭއެސްސީއަކީ ސުލޫކީ މައްސަލަތަކުގެ ނިވަލުގައި ފަނޑިޔާރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ބޭނުންކުރާ ހަތިޔާރަކަށް މިއަދު ވަނީ ބަދަލުވެފަ އެވެ. ސިޔާސީ ބާރުވެރިކަމުގައި ތިބޭ މީހުން ހިތުހުރި ގޮތަކަށް ޖޭއެސްސީން ނިންމުންތައް ނެރެވޭކަން މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ހިންގި ލަދުވެތި ނޭއްގާނީ އަމަލުތަކުން ހާމަވެ އެވެ.

ރައްޔިތުންގެ އައިޑެންޓިޓީން ފާޅުކަން ބޮޑުކޮށް ވައްކަމެއް ކޮށްގެން ވެރިކަން ކުރާ ޕާޓީއަށް މީހުން އިތުރުކުރުމުން ވެސް އެ ފޯމުތައް ސައްހަ ކަމަށް ބަލައި އިލެކްޝަން ކޮމިޝަނުން ފައިސާ ދޫކޮށްފި އެވެ. ކޮންމެ ވެރިކަމަކާ އެކު އީސީގެ މެންބަރުން ވަކިކޮށް/އައްޔަނު ކުރުމުގެ ކުޅިވަރު ތެރޭ ކިލަނބުވަނީ އިންތިހާބުތަކުގެ ސައްހަ ކަމާމެދު ރައްޔިތުންގެ މެދުގައި އޮތް ޔަގީންކަމެވެ. މި ކަންކަމުގެ ސަބަބުން ކުރިއަށް އޮތް އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަނުން ނުފޫޒުން އެއްކިބާވެ ތިބެ އަމަލުކުރާނެ ކަމާ މެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކުރާ އިންސާނީ، މަދަނީ، ސިޔާސީ އަދި އިގުތިސޯދީ ހައްގުތައް އަރައިގަތުމުން، އޭގެ ދިފާއުގައި ތެދުވާނެ މުއައްސަސާއެއް ނެތެވެ. މިއަދުގެ ހަގީގަތަކީ އާންމު ފަރުދުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ އިދާރާތަކުން އެ ހައްގުތައް ނިގުޅައިގަތުމުން ވެސް އިންސާފު ހޯދަން ދާނޭ އެއްވެސް އިދާރާއެއް ނެތް ކަމެވެ.

އަނެއްކާ ވެސް ބާރުތައް އެކެއްގެ މުށުތެރޭގައި

ގާނޫނުއަސާސީ ޑްރާފްޓް ކުރިއިރު އެއްވެސް ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މާސިންގާ އަގުލަބިއްޔަތެއް ކާމިޔާބު ކުރާނެ ކަމަށް ހިޔާލަށް ގެނެވިފައި ނުވެ އެވެ. އެހެންވެ އެ ގާނޫނުއަސާސީ ފަރުމާކޮށްފައި ވަނީ މަޖިލީހުން ފާރަވެރިވުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް ދެކިގެންނެވެ.

ނަމަވެސް، ފާއިތުވި ތިން މަޖިލިސް އިންތިހާބުގައި ވެސް ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދިނީ އޭގެ ކުރިން އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރި ޕާޓީއަށެވެ. އެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަ ބަދަލުތައް ބިނާވަނީ އެ ޕާޓީއަކުން ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ މައްޗަށެވެ. އެ ޕާޓީއަކުން ރައްޔިތުންގެ ބާރުވެރިކަމާއި ހައްގުތައް ގަބޫލުކުރާ މިންވަރަކަށެވެ. ގާނޫނުއަސާސީގައި ތަސައްވުރުކޮށްފައިވާ މިންވަރަކަށް ނޫނެވެ.

ފާރަވެރިވުމުގެ ޒިންމާ މަޖިލީހުން އަދާނުކުރާތީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް ދިމާވެފައިވާ މައްސަލައިގެ އަސްލު ދެމިއޮތީ އަދިވެސް 2008 ގެ ކުރިން އޮތް ގޮތަށެވެ. އެއީ އެކެއްގެ އަތް މަތީގައި ބާރުތައް އެއްކުރެވިފައި އޮތުމުންނެވެ. މި އެއްކުރެވިފައިވާ ބާރުގެ ފުރިހަމަ ބޭނުން އަދުގެ ސަރުކާރުން އެބަ ހިއްޕަވަ އެވެ. އިހުނަށް ވުރެ ގޯސްކޮށެވެ.

ގާނޫނުއަސާސީ ބަދަލުކޮށްގެން މެންބަރުން ތަޅު އަޅުވައިފި އެވެ. މަޖިލީހުގައި ދައްކާނެ ވާހަކަ އާއި، ބަހުސް ކުރާނެ މައްސަލަތަކާއި، ވޯޓު ދޭންވީ ގޮތް ވެސް މިއަދު ކަނޑައަޅަނީ ރައީސް އޮފީހުންނެވެ.

މިކަމުގެ ސަބަބުން ކޮންމެ މިނިވަން މުއައްސަސާއެއް ވެފައިވަނީ ސަރުކާރާއި ވެރިކަން ކުރާ ޕާޓީން ކޮންޓްރޯލް ކުރާ މަޖިލީހާ ދެމެދު ތާށިވެފައިވާ، އެއްވެސް ނަތީޖާއެއް ނުނެރެވޭ ތަންތަނަށެވެ. ކޮމިޝަންތަކުގެ މެންބަރުން ގޮނޑި ދިފާއު ކުރުމަށް، ބާރު އޮންނަ ޕާޓީ ރުއްސުން ނޫން ގޮތެއް ނެތެވެ. މަޖިލިސް ތަޅު އަޅުވާފައިވާތީ ސަރުކާރު ރުއްސުން ނޫން ގޮތެއް މެންބަރުންނަށް ނެތެވެ.

ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އެކިއެކި މިނިވަން ކޮމިޝަންތަކާއި އިދާރާތަކުގެ މެންބަރުން ވަކިކުރުމުގެ ބާރު ބޭނުންކުރަނީ އެ ފަރާތްތަކަށް ބިރު ދައްކައި، އަދި މަޖުބޫރުކޮށްގެން ކިޔަމަންތެރި ކުރުވުމަށެވެ. ފާރަވެރިވުމުގެ ނިޒާމުތައް މިހާރު ބޭނުންކުރަމުން ދަނީ އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ ބާރުތައް ވަކިވެފައިވާ އުސޫލު ނައްތައިލުމަށެވެ.

މިސާލަކަށް ބަލާނަމަ ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރީ ހުރިހާ ގާނޫނަކާއި ގަވާއިދެއް މުގުރައިލުމަށް ފަހު އެވެ. އެންމެހައި އިޖުރާއީ އުސޫލުތަކާއި މިންގަނޑުތަކާ ހިލާފަށެވެ. ވެރިކަން ކުރާ ޕާޓީން ކޮންޓްރޯލްކުރާ ޖޭއެސްސީއަކުން ތަހުގީގުތައް ހިންގައި، ނުފޫޒުގެ ދަށުގައި ތާށިކޮށްފައިވާ މަޖިލީހަކުން އަވަސް އަރުވާލައިގެން ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ވަކިކޮށްލީ އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ދައްކައިގެންނެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޝަރުއީ ދާއިރާގެ މިނިވަންކަމާމެދު އޮތް ކުޑަމިންވަރުގެ ތަސައްވުރު ވެސް ވަނީ އެއްކޮށް ނެތި ގޮސްފަ އެވެ.

ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމު އެއްކޮށް ގަޑުބަޑުކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ތިން ބާރު ވެސް އެމަނިކުފާނުގެ މުށުތެރެއަށް ނެންގެވީ އެވެ. މިހާރު ތިން ބާރާއި މިނިވަން މުއައްސަސާތައް އޮތީ އެއްވެފަ އެވެ.

ފަނޑިޔާރުން ވަކިކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުން ލާޒިމުވުން

މިހާރު އޮތް ގޮތުން އަޅުގަނޑުމެން އިންތިހާބުކުރާ ކޮންމެ އައު ވެރިޔަކަށާއި މަޖިލީހަކަށް ވެސް އަޅުގަނޑުމެންގެ ގާނޫނުތަކުގެ އަސާސްތައް ފަސޭހަކަމާއެކު މުގުރާލެވެ އެވެ. ރައީސްގެ މުށުތެރޭގައި އޮތް މަޖިލީހާއި ޖޭއެސްސީ އަދި އޭސީސީ ބޭނުންކޮށްގެން މަގާމުތަކުގައި ތިބި ފަނޑިޔާރުން ވަކިކުރުމަށް ދޮގު ތުހުމަތުތަކެއް އުފެއްދުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ސަރުކާރުން އެދުނު ގޮތާ ހިލާފަށް މައްސަލައެއް ބެލޭނެ ކަމަށް ކަނޑައެޅި ހިސާބުން ފަނޑިޔާރުން ބަދަލުކުރެއްވީ އެވެ. ދެން ތިބި ފަނޑިޔާރުންނަށް ވެސް އެ ދެވުނީ ބޮޑު އިންޒާރެކެވެ. އަދި އަލަށް ހުސްވި ޖާގަތަކަށް އައްޔަނުކުރި ފަނޑިޔާރުން ވެސް އަމަލުކުރަން މަޖުބޫރުވާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތަކަށެވެ.

އެގްޒެކެޓިވް އާއި މަޖިލީހުގެ ނިންމުންތަކަކީ ގާނޫނީ ތަރަހައިގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއްކަން ކަނޑައެޅުމުގެ ގާނޫނީ ބާރާއި މިނިވަންކަން ކޯޓުތަކަށް އޮންނަން ޖެހެ އެވެ. ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓަށެވެ. މަޖިލީހާއި ރައީސް އޮފީހާ ދެމެދު ތާށިވެފައިވާ ކޯޓުތަކަކުން އެ ދެ ބާރަށް ފާރަވެރިވެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

ސުޕްރީމް ކޯޓުގެ މިނިވަންކަން ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި ހަމައެކަނި ބޭއްވުމަކީ މި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެކަށީގެންވާ ގޮތެއް ނޫން ކަމަށް އަޅުގަނޑަށް މިހާރު ޔަގީންކުރެވެ އެވެ. އަޅުގަނޑުގެ ދެކޭ ގޮތުގައި ހައްލު އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ.

ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރު ލިމިޓު ކުރެވިދާނެ ކަމަށް ދެކެމެވެ. މަޖިލީހުން ފަނޑިޔާރަކު ވަކިކުރަން ފާސްކުރުމުން އެ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ލާޒިމު ކުރެވިދާނެ އެވެ. މަޖިލީހުގެ ނިންމުމަށް ރައްޔިތުން ތާއީދު ކޮށްފިނަމަ ފަނޑިޔާރު ވަކިވީ އެވެ. ތާއިދު ނުކޮށްފިނަމަ ސުޕްރީމް ކޯޓުގެ ބެންޗުގައި ދެމިހުރެވޭނެ އެވެ.

ރައްޔިތުންގެ ބަހަކާއި ނުލައި ގާނޫނުއަސާސީގައި ބަޔާންކުރާ އެއް ބާރުގެ ވެރިން ބަދަލު ކުރެވިގެން ނުވާނެ އެވެ. މިފަދަ ވޯޓަކީ ސިޔާސީ ގޮތުން އަންނަ ހަމަލާތަކުން ސަލާމަތް ވުމަށް ފަނޑިޔާރުންނަށް ދެވޭނެ ބޮޑު ހިމާޔަތެކެވެ. ނުވަތަ "ފެއިލްސޭފް" އެކެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލިސް މެންބަރުންނެކޭ އެއްގޮތަށް ފަނޑިޔާރުން، ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ މަގެކެވެ.

ހުދުމުހުތާރު ވެރިކަމެއްގެ ބައިވެރިޔަކަށް ފަނޑިޔާރުގެ ވެފައި ހުރިކަން އަޅުގަނޑުމެންގެ މާޒީން ފެންނާން އެބަހުއްޓެވެ. އެފަދަ ހާލަތެއްގައި ރައްޔިތުންނަށް އެ މީހުންގެ ބަސް އިއްވޭނެ ފަދަ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ. ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ އިސްނެގުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ "ރިކޯލް" ވޯޓެއް ނެގޭނެ ފަދަ ނިޒާމެއް ގާއިމުކުރެވިދާނެ އެވެ. ފަނޑިޔާރުގެއާ މެދު ވެސް ފަހު ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނާން ވާނެ އެވެ.

މިފަދަ ނިޒާމެއް އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގެންފާނެ އެވެ. ބޮޑު އާންމު ވޯޓެއް އިންތިޒާމުކޮށް ހިންގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަރަދު ވެސް ބޮޑުވެދާނެ އެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިފަދަ ނިޒާމެއް ނެތި ރައްޔިތުންނާއި ގައުމަށް ލިބެމުންދާ އިޖުތިމާއީ އަދި މާލީ ގެއްލުންތައް މާ ބޮޑު ކަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމަކީ ފަސޭހަ ކަމަކަށް ވެގެން ނުވާނެ އެވެ. އެ ކަމަށް އޮންނަންވާނީ ރައްޔިތުންގެ ތާއީދު ލިބޭ އިންސާފުވެރި ސަބަބެކެވެ.

މިނިވަން މުއައްސަސާތައް ހަގީގަތުގައި މިނިވަންކުރުން

ދާދިފަހުން އީސީ އަދި އޭސީސީގެ ގާނޫނަށް ގެނައި ބަދަލާ އެކު އެ ކޮމިޝަންތަކުގެ ވެރިންނަށް އައްޔަނު ކުރާ މީހުންނަކީ ސީދާ ރައީސް އައްޔަނުކުރާ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ. ކޮމިޝަންތަކުގެ ރައީސުންނަކީ އިދާރީ ހިންގުމާއި ކަންކަން ނިންމުމުގައި ބޮޑެތި ބާރުތަކެއް ގާނޫނުތަކުން ދީފައިވާ ބައެކެވެ.

ޖޭއެސްސީގައި ރައީސްގެ މެންބަރަކާއި، އެމަނިކުފާނުގެ ކެބިނެޓުގައި އިންނަވާ އެޓާނީ ޖެނެރަލް އާއި އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން މެންބަރަކު އިންނަވަ އެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތް ގޮތުން މުޅި ޖޭއެސްސީގެ ކޮންޓްރޯލް މި އޮންނަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރަށް ފާރަވެރިވާން އުފައްދާފައިވާ މުއައްސަސާއެއްގެ މެންބަރުން އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮންނަންވީ ކީއްވެގެންތޯ؟ މުއައްސަސާތަކަށް މެންބަރުން އައްޔަނު ކުރުމުގެ ހުރިހާ މަރުހަލާއަކުން ރައީސުލްޖުމްހޫރިއްޔާ އެއްކޮށް ބޭރުކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެމެވެ. ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް މިކަމުގައި އޮވެގެން ނުވާނެ އެވެ.

މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމާއި، އިންޓަވިއު ކުރުމާއި، މެންބަރުން ހޮވުމުގެ ހުރިހާ ކަމެއް ވިލަރެސްކޮށް ބަލަހައްޓަންވީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވައިގެން، ވަކި ތަރުތީބަކުން މަޖިލީހުގައި އެ ނަންތައް އިއްވައި، ރައީސް އޮފީހުގައި މަގާމުގެ ހުވާ ކުރުވުން ހުއްޓާލަންވީ އެވެ. އުއްތަމަ ފަނޑިޔާރު ހުވާ ލައިދިނުމުން ފުދޭނެ އެވެ.

މިއިން ކޮންމެ ކޮމިޝަނެއްގެ ބަޖެޓަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އަދަދެއްގެ މައްޗަށް ބިނާވާ ބަޖެޓެކެވެ. މަޖިލީހުން ބަޖެޓު ކަނޑާލުމުން ކޮމިޝަންތަކަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އެކަށީގެންވާ ވަރުގެ މުސާރައެއް ފަންނީ މަސައްކަތް ކުރާ މުވައްޒަފުންނަށް ދެވޭނެ ގޮތެއް ނޯވެ އެވެ. ފެންވަރު ރަނގަޅު ތަހުގީގުތައް ހިންގަން ބޭނުންވާ ތަޖުރިބާ ހުރި މުވައްޒަފުން ނުލިބެނީ އެހެންވެ އެވެ. އޭގެ ސަބަބުން އެއްވެސް ތަހުގީގަކުން ނަތީޖާއެއް ނުނެރެވެ އެވެ.

ކޮމިޝަންތަކަށް ބަޖެޓު ކަނޑައެޅުމުގައި މާލިއްޔަތު ކޮމިޓީން ބޭނުންހައި އެއްޗެއް ހަދަން ފުރުސަތު ދިނުމުގެ ބަދަލުގައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑީޝަރީ އާއި އެ ކޮމިޝަންތަކަށް ހާއްސަ ކުރަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް އަޅުގަނޑަށް ފެނެ އެވެ. ކޮމިޝަންތަކުގެ މެންޑޭޓާއި ކުރާން ޖެހޭ މަސްއޫލިއްޔަތުތަކަށް ބަލައި އެންމެ މަދުން ދެވޭނެ ވަކި އިންސައްތައެއް ކަނޑައެޅިދާނެ އެވެ. އޭރުން ދައުލަތުގެ ބަޖެޓަށް އަންނަ ކޮންމެ ކުރިއެރުމެއް ޖުޑީޝަރީ އާއި ކޮމިޝަންތަކުގެ ބަޖެޓުން ވެސް ފެންނާނެ އެވެ.

މިނިވަން މުއައްސަސާތަކުން މިހާރު ޖަވާބުދާރީވާން ޖެހެނީ މަޖިލީހުގެ ކޮމިޓީއަކަށެވެ. އެއީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ކޮމިޓީތަކެކެވެ. އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ކުރާ ހަމައެކަނި ކަމަކީ މުއައްސަސާތަކުގައި ތިބި ސަރުކާރުން ބޭނުން ނުވާ ގޮތަކަށް އަމަލުކުރާ މީހުން ވަޒީފާއިން ވަކިކުރުމެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުން ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާނުކުރިޔަސް އެކަށީގެންވާ ފިޔަވަޅެއް ނޭޅެ އެވެ.

އަޅުގަނޑުގެ ހިޔާލަކީ މިނިވަން މުއައްސަސާތަކުގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށެވެ. ޖޭއެސްސީ ރިފޯމް ކުރުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް މިހާތަނަށް މައުނަވީ އެއްވެސް ބަދަލެއް ގެނެވިފައި ނުވެ އެވެ. އަޅުގަނޑުގެ ހުށަހެޅުމަކީ ޖޭއެސްސީގެ މެންޑޭޓު ފުޅާކޮށް، ޖުޑީޝަރީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އޮވަސައިޓް ފަންކްޝަން އަދާކުރާ ތަނަކަށް ހެދުމަށެވެ. މެންޑޭޓަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކޮމިޝަނުގެ ނަން ބަދަލުކުރެވިދާނެ އެވެ.

މި ކޮމިޝަނުގެ މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ހަރުދަނާ ޝަރުތުތަކެއް ކަނޑައަޅަން ވާނެ އެވެ. މި ކޮމިޝަނުން ފާރަވެރިވާން ލާޒިމުކުރާ މިނިވަން މުއައްސަސާތަކުގެ ދާއިރާއިން ތަޖުރިބާ ހާސިލުކޮށްފައިވާ މީހުން ތިބޭ ގޮތަށް ކޮމިޝަނުގެ ކޮމްޕޮޒިޝަން އެކުލަވާލެވިދާނެ އެވެ. އޭގެ ތެރޭގައި ރިޓަޔާޑް ފަނޑިޔާރުން، ގާނޫނީ، އިގުތިސޯދީ، ގަވަނެންސް އަދި މީ ނޫންވެސް ގުޅުން ހުރި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނިދާނެ އެވެ.

މި ކޮމިޝަނަށް މެންބަރުން އައްޔަނުކުރާނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މަޖިލީހުން އެ މީހެއްގެ ނަން ފާސްކުރުމުން ދެން ރައްޔިތުންގެ ވޯޓަކަށް އެހިދާނެ އެވެ. ރައްޔިތުންގެ ރުހުން ލިބުމުން ކޮމިޝަނަށް އެ މީހަކު އައްޔަނު ކުރެވިދާނެ އެވެ. އެ މެންބަރުން މަގާމުން ވަކިކުރެވޭނީ ވެސް މިފަދަ ވޯޓަކުންނެވެ. ރައްޔިތުންގެ ބަހެއް މި ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމާއި ވަކިކުރުމުގައި ހޯދަނީ މިއީ ވަރަށް ބާރުގަދަ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އެންމެ އިސް ރޯލު އަދާކުރާނެ ކޮމިޝަނަށް ވާތީ އެވެ.

މި ކޮމިޝަނެކޭ އެއްގޮތަށް އިލެކްޝަން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްޔިތުންގެ ބާރުވެރިކަން ހިމާޔަތްކޮށް، ދަމަހައްޓައި، ހިފެހެއްޓުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރަން ޖެހޭ ދެ ކޮމިޝަނެވެ. އެހެންކަމުން، އިލެކްޝަން ކޮމިޝަނާއި އެޗްއާރުސީއެމްއަށް މަޖިލީހުން އައްޔަނު ކުރާ މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް ހޯދުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް ދެކެމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މި ތިން ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގައި ރައްޔިތުންގެ ބަހެއް ހޯދުމަށް މި ހުށަހަޅަނީ އައްޔަނުވުމަށް ފަހު އެ މީހުން މިނިވަންކަމާ އެކު ފަސްނުޖެހި ގާނޫނުއަސާސީގެ ތަރަހައިގެ ތެރޭގައި އަމަލު ކުރުމަށް ބާރާއި މިނިވަންކަން ލިބޭނީ ސުޕަ މެޖޯރިޓީއެއް އޮންނަ މަޖިލީހަކުން އެކަނި އެ މީހުން ވަކިކުރުން ނިމުމަކަށް ގެނެސްގެންނެވެ. އެ މީހުންނާ މެދު ފަހު ބަސް ރައްޔިތުން ބުނާ ގޮތަށް ބަދަލުކޮށްގެން މެނުވީ އެ މީހުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެކަން އެއީ މިހާރު ފެންނާން އޮތް ހަގީގަތެވެ. ރައްޔިތުން ވަކި ގޮތަކަށް ބަސް ބުނީމައި އެ ނިމުނީ އެވެ.

މިފަދަ ގޮތަކަށް ނިޒާމީ އިންތިޒާމުތައް ހަމަޖެއްސުމުން އަންނާނެ ފާޑުކިޔުމަކަށް ވާނީ ހަރަދު ބޮޑުވުމާއި، ގިނަގިނައިން އިންތިހާބު ބޭއްވުމަކީ ދެކޮޅުނުޖެހޭ ކަމެއް ކަމަށް ދެކުމެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އެފަދަ މަގާމުތަކުގައި ތިބޭ މީހުން ވަކިނުކުރެވޭ ގޮތް ހެދުމެވެ. މިފަދަ ސޭފްގާޑެއް ނެތުމުން ރައްޔިތުންގެ ބާރުވެރިކަމާއި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ފަސޭހަވެ، ބަޔަކު ހިތުހުރި ގޮތަކަށް ގައުމުގެ ކަންކަން ގެންދިޔުމަށް ފުރުސަތު ލިބުމުން ރައްޔިތުންނާއި ގައުމަށް ލިބޭ ގެއްލުމާއި ހަރަދު ބޮޑުވާނޭ ކަމާ ދޭތެރޭ ފާޑުކިޔާ ބޭފުޅުން ވިސްނާލުން ރަނގަޅެވެ. ސަރުކާރުގެ އަމަލުތައް ހިފެހެއްޓޭނެ ގޮތެއް ނެތުމުންނާއި ޖަވާބުދާރީ ކުރެވޭނެ މަގެއް ނެތުމުން މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އިގުތިސޯދީ، މާލީ އަދި އިޖުތިމާއީ ގޮތުން އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާ މަންޒަރެވެ. ލިބުނު އެތައް ގިނަ ކުރިއެރުމެއް ގެއްލި ގޮސް މި ދާއިރާތަކުން ގައުމު ފަހަތަށް ދާ ތަނެވެ.

ޑިމޮކްރަސީގައި ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ހަރަދޭ ކިޔައިގެން ހަނި ކުރުމަށް މަސައްކަތް ކުރަނީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށެވެ. ނަމަވެސް، މި ފާޑުކިޔުމަކީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫނެވެ. އެހެނީ ހަރަދު ކުޑަކޮށް މިފަދަ ނިޒާމެއް ގާއިމު ކުރެވިދާނެ އެވެ. ޓެކްނޮލޮޖީ ވަސީލަތްތައް އެތައް ގުނައަކުން ކުރިއަރަމުންދާ މި ޒަމާނުގައި އެއީ އުނދަގޫ ކަމެއް ނޫނެވެ.

---

ނިޒާމީ އިންތިޒާމުތަކާ މެދު ވާހަކަ ދެކެވޭ އިރު ބައެއް ބޭފުޅުން ހައްލެއްގެ ގޮތުގައި ހުށަހަޅުއްވަނީ ބަރުލަމާނީ ނިޒާމެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރި ކަމުގައި ވިޔަސް ހަމައެކަނި އެ ބަދަލުގެ ސަބަބުން މި މައްސަލަތަކަށް ހައްލެއް ލިބިގެން ނުދާނެ އެވެ. ބަރުލަމާނީ ނިޒާމެއް އޮތް ކަމުގައިވިޔަސް ރައްޔިތުންގެ ބާރުވެރިކަން އިސްނުކުރާ ބައެއްގެ އަތް މައްޗަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ދިނުމުން ފެންމަތިވާނީ އެއް މައްސަލަތަކެކެވެ. ހައްލެއް ނުލިބޭނެ އެވެ.

އަޅުގަނޑުގެ ހުށަހެޅުމަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ހުދުމުހުތާރު ވެރިކަމެއް ގާއިމުވިޔަ ނުދިނުމަށްޓަކައި، ގައުމުގެ ކަންކަން ނިމިގެންދަނީ ރައްޔިތުންގެ ރުހުން އޮވެގެންކަން ޔަގީންކުރެވޭނޭ ގޮތަށް ގާނޫނުއަސާސީގައި ލިޔެ ތަފްސީލުކުރުމެވެ. އެއީ އުނދަގޫ ކަމަކަށްވިޔަސް، ހަރަދުތަކެއް އިތުރަށް ހިނގާ ކަމަކަށް ވިޔަސް، އެއީ ކޮންމެހެން ކަށަވަރު ކުރެވިފައި އޮންނަން ޖެހޭނެ ކަންކަމެވެ.

މިއީ އަނެއްކާ ވެސް ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާގެ އަލީގައި ކަންކަން ހައްލު ކުރުމަށް ގެނެވިދާނޭ ކަމަށް ފެންނަ ބައެއް ހިޔާލުތަކެވެ.

މި ސިލްސިލާގެ ފުރަތަމަ ލިޔުން ކިޔާލުމަށް

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox