މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނުން މައްޗަށް ގޮސްފި އެވެ.
މޯލްޑިވްސް އިމިގުރޭޝަނުން އާންމު ކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މިދިޔަ މަހު އެކަނި ވެސް ރާއްޖެއަށް 132،795 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ.
މިއަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އޮތީ ލިސްޓުގެ ހަވަނައިގަ އެވެ.
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމާ ގުޅިގެންނެވެ. އެ މައްސަލަ ބޮޑުވެ ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިންނާއި އިންޑިއާގެ މަގުބޫލު ކްރިކެޓު ކުޅުންތެރިން ރާއްޖެއާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ވެސް ކުރި އެވެ.














