މާލެ އަތޮޅު ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް، 43، ހޯދަން ފުލުހުން ނެރެން އެދުނު އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފި އެވެ.
އިންޓަޕޯލްއިން އާންމުކޮށްފައިވާ ޔެލޯ ނޯޓިސް ލިސްޓުގައި ރާއްޖޭގެ މީހަކަށް ހަމައެކަނި ހިމެނެނީ ވީނުވީއެއް ނޭގި ގެއްލުނު ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އެވެ. ނަމަވެސް ތަސްލީމުގެ މައްސަލައިގައި ވެސް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝް ކުރާ ނޯޓިސްތަކަކީ އިންޓަޕޯލް މެންބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއެއް. މިގޮތަށް ޕަބްލިޝް ކުރާ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި ޕަބްލިޝް ކުރާ ނޯޓިސްއެއް ނޫން ކަމުގައި ދަންނަވަން،" ފުލުހުން ބުންޏެވެ.
ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސްއަކަށް އެދިފައިވާކަން ފުލުހުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު 14، ގަ އެވެ.
ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދިވެސް ކުރަމުން އަންނައިރު މިހާތަނަށް ތަހުގީގަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކ. ހުވަފެންފުށީގެ ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް މިދިޔަ އޯގަސްޓު 29، ގެ ހަވީރު 5:00 ހާއިރު ތަސްލީމުއާ އެކު 25 މީހުންނާއި ދެ ކުޑަކުދިން ދަތުރު ދިޔަކަން ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުން އެނގޭ ކަމަށެވެ. އެމީހުން އެ ދަތުރު ދިޔައީ މީހެއްގެ އުފަންދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމެންޓު ޕާޓީއަކަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ދަތުރުގައި ތަސްލީމު ބައިވެރިވީ އެ ޕާޓީގެ ބެކްޑްރޮޕް ހަދައި ދިނުމާއި އެތަނުގެ ކަރަންޓުގެ ބައެއް މަސައްކަތްތައް ކޮށްދިނުމަށް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ތަސްލީމު ހޯދުމަށްޓަކައި އޭނާއާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ތަހުގީގު ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ދަތުރު ދިޔަ ދުވަހުގެ ރެ އާއި ތަސްލީމު ގެއްލުނު އޯގަސްޓު 30، ގެ ހެނދުނު ވެސް ތަސްލީމު އެ ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ދަތުރުގެ ބައިވެރިން ނަގާފައި ހުރި ބައެއް ފޮޓޯތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
އެ ފަސްގަނޑުގައި ހުއްޓައި ތަސްލީމު އެންމެފަހުން ފެނިފައި ވަނީ އޯގަސްޓު 30، ވީ ހުކުރު ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
titledesc













