"ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް" އާ ހިލާފަށް ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާ ބާއްވާތީ އެކަން އެގޮތަށް ނުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީއިން ނެރުނު ސާކިއުލާއެއްގައި ބުނީ ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭނީ ޕީސީބީގެ އޮފިޝަލުންނާއި ފިނޭންސްގެ އޮފިޝަލުން ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ކޯޑާ ހިލާފަށް ޕީސީބީ އަދި ފިނޭންސްގެ އޮފިޝަލުން ނުހިމަނައި ސަރުކާރުހިއްސާވާ ބައެއް ކުންފުނިތަކުން އަމަލުކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
"އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމު ކުރުމުގައި، އިސްވެ ދެންނެވުނު ގަވަނަންސް ކޯޑާ އެއްގޮތުގެ މަތިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ އޮފިޝަލުން ހިމެނޭކަން ކަށަވަރު ކުރަން ދަންނަވަން،" ޕީސީބީން ބުންޏެވެ.
އޭގެ އިތުރުން، ޖަލްސާތައް ބޭއްވުމުގެ ކުރިން ކުންފުނިތަކާ ހިއްސާ ކުރެވިފައިވާ އޮންލައިން ޗެކް ލިސްޓް ފޯމް ފުރިހަމަ ކުރުމަށް ވެސް ޕީސީބީން ވަނީ އަންގާފަ އެވެ.
ޕީސީބީން ވަނީ އެ ބޯޑުގެ ޒިންމާ އަދާ ކުރުމުގެ ގޮތުން، ބޯޑުން އަންގާ އެންގުން ކުންފުނިތަކުން އަމަލު ކުރުމަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރު ތަންތަނަށް ލާޒިމު ކަމެއްކަން ހަނދާން ކޮށްދީފަ އެވެ.













