ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް 65އ. މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި 65އ. ގެ މީހާއަކީ އަބްދުﷲ ސާދިގު، ވެހެތާނުގެ، ސ. ހިތަދޫ، ކަމަށެވެ.
ސާދިގުގެ އަތުން ފެނިފައި ވަނީ 349 ގުރާމުގެ ހެރޮއިން ކަމަށް ކަސްޓަމްސްއިން އިއްޔެ ހާމަ ކުރި އެވެ. ސާދިގު ރާއްޖެއަށް ދަތުރު ކުރީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސްއިން ވަނީ މިދިޔަ ހޯމައިން ބުދަ ދުވަހާ ދެމެދު އެކަނި ވެސް ރާއްޖެއަށް އެތެރެ ކުރަން އުޅުނު ނުވަ ކިލީގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.

އޭގެތެރޭގައި ހިމެނެނީ ސާދިގު އެތެރެ ކުރަން އުޅުނު ހިރޮއިންގެ އިތުރުން ޕޯސްޓު އަދި އެއާ ކާގޯ މެދުވެރިކޮށް އެތެރެކުރަން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 582 ގުރާމުގެ ސިންތެޓިކް ކެތަނޯން އާއި 5.2 ކިލޯގެ ކެނަބިސް އަދި 2.87 ކިލޯގެ އެކްސްޓަސީ އެވެ.













