ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ޕީއެންސީގެ މެންބަރުންނަށް ފައިސާ ދެއްވާ ވާހަކައަށް ބިނާކޮށް މި ނޫހުން ގެނެސްދިން "ބައިލައްކަ" ޑޮކިއުމެންޓްރީ އާއި އެވާހަކަ ގެނެސްދިން ހަބަރުތަކުގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެ ޑޮކިއުމެންޓްރީ އާއި "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ސުރުހީގައި ޝާއިއުކުރި ހަބަރާ ގުޅިގެން "ގާނޫނީ ފިޔަވަޅު" އަޅަން އެދޭނެ ކަމަށް ސަރުކާރުން ބުނީ ސެޕްޓެމްބަރު 11، ގަ އެވެ.
އެކަމުގެ ތަފުސީލު ހޯދުމަށް ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިހާރު އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"އަދަދު ނޫހުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރި މައްސަލަ އެމްއެމްސީއަށް ވާނީ ހުށަހާޅާފަ،" އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ބައެއް މެންބަރުން ވަނީ ރައީސްގެ ފަރާތުން ކޮންމެ މަހަކު ވެސް މެންބަރުންނަށް ފައިސާ ދޫކުރާ ކަމަށެވެ. އަދި އެ ފައިސާ ލިބިވަޑައިގެންނެވި ބައެއް މެންބަރުން ވެސް އެކަން ކަށަވަރުކޮށްދީފައިވެ އެވެ.

"ބައިލައްކަ" ނަމުގައި މިދިޔަ ހަފުތާ ގެނެސްދިން ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.
"ބައިލައްކަ" ޑޮކިއުމެންޓްރީއާ ގުޅިގެން ޕީއެންސީގެ ވެރިން ކަންބޮޑުވެ، އެހާ ވަރަށް "ތުރުތުރު" އެ އަޅަނީ އެކަމުގައި ހަގީގަތެއް އޮތުމުން ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފަ އެވެ.












