ބަންކަރިން ހިދުމަތް އިއްޔެ ފެށޭނެ ކަމަށް ބުނުމަށް ފަހު، މިހާރަށް ވުރެ ފުރިހަމައަށް އެކަން ފަށަން ކަމަށް ބުނެ މި މަހުގެ ފަހުކޮޅު ބަންކަރިން ހިދުމަތް ފަށާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
އެންމެ ފުރަތަމަ ބަންކަރިން ހިދުމަތް ފަށާނެ ކަމަށް ބުނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ބުނީ ޖުލައި މަހުގައި ބަންކަރިން ފެށޭނެ ކަމަށެވެ. އެ ތާރީހަށް ވެސް ބަންކަރިން ނުފަށައި، ދެން ބުނީ މިދިޔަ މަހުގެ 22 ގައި ފެށޭނެ ކަމަށެވެ.
އެ ތާރީހަށް އެ ހިދުމަތް ނުފެށުނީ ބަންކަރިން ބޯޓުތައް ނައިސްގެންނެވެ. އޭރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ ހިދުމަތް ފެށުން ލަސްވީ މޫސުން ގޯސްވުމާ ގުޅިގެން އެކަމަށް ގެންނަ ބޯޓުތައް ރާއްޖެ ނުގެނެވިގެން ކަމަށެވެ. ދެން ބުނީ ސެޕްޓެމްބަރު 12 ގައި އެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ނުފެށުނެވެ.
އެސްޓީއޯއިން މިހާރު ބުނަނީ އެ ހިދުމަތް ފަށާނީ މި މަހުގެ 20 ގައި، އެންމެ ފުރަތަމަ ބޯޓަށް ތެޔޮ އެޅުމާ އެކީގައި ކަމަށެވެ.
ބަންކަރިންގެ ހިދުމަތް ދޭން ގެންނަ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އޮތީ މިހާރު އުތުރުގަ އެވެ.

ބަންކަރިން ވިޔަފާރީގައި އެސްޓީއޯއާ ބައިވެރިވަނީ މި ދާއިރާގައި އެންމެ ބިޔަ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ބޭރުގެ ކުންފުންޏެއް ކަމުގައިވާ ވިޓޯލް އެވެ. ބަންކަރިންގެ ވިޔަފާރީގައި ވިޓޯލްގެ ދައުރަކީ އެސްޓީއޯގެ ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރުތައް އިޝްތިހާރުކުރުމެވެ.












