އަދަދު ނޫހުން "ބައިލައްކަ" ނަމުގައި އިއްޔެ ޑޮކިއުމެންޓްރީއެއް ގެނެސްދިނެވެ.
އެ ޑޮކިއުމެންޓްރީގައި ފެންނަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ގެއަށް، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވަންނަ ތަނާއި، އެއަށް ފަހު ބަރުކަޅު ދަބަހެއް ނެގެން ދާތަނާއި، އެ ދަބަސް މުހައްމަދު އަލީ ޕީއެންސީ އޮފީހަށް ވައްދާ މަންޒަރެވެ. އަދި އެ ވަގުތާ އިއްތިފާގުވެ، ޕީއެންސީ އަށް ނިސްބަތްވާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ވަކިވަކިން ޕީއެންސީގެ އޮފީހަށް ކުޑަ ހިނދުކޮޅަކަށް ވަދެނުކުންނަ މަންޒަރެވެ.
އެ ރެޔަކީ ޕީއެންސީގެ މެންބަރުންނަށް ރައީސްގެ ފަރާތުން ފައިސާ ބަހާ ރޭ ކަމަށް އެ ޕާޓީގެ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިނެވެ. އަދަދު ނޫސްވެރިންގެ ލެންސްތައް އަމާޒުކުރީ އެ މައުލޫމާތުގެ މައްޗަށެވެ.
ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ފައިސާ ދޭ ވާހަކަ އަދަދު ނޫހުން ކޮންމެ މަހަކު ވެސް ގެނެސްދީފައިވާނެ އެވެ. މިފަހަރުގެ ތަފާތަކީ ޑޮކިއުމެންޓްރީއެއް ހެދުމެވެ.
"ބައިލައްކަ" ނަމުގައި އިއްޔެ ގެނެސްދިން ޑޮކިއުމެންޓްރީ އަށް ޕީއެންސީގެ ލީޑަޝިޕްގެ ބަސް ހޯދަން މަސައްކަތް ކުރި ނަމަވެސް، އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވި އެވެ. އަދި ކަޅު ދަބަސް އުފުލި ދުވާފަރު މެންބަރު މުހައްމަދު އަލީ ވެސް ޖަވާބެއް ނުދެއްވި އެވެ.

އަދަދުގެ ކެމެރާތަކަށް އެރި އެ ކުލަ މަންޒަރުތައް ދޫކޮށްލުމުން، ރައީސްގެ ފަރާތުން ފައިސާ ބަހާ ވާހަކަ ދޮގުކޮށް، އަދަދު ނޫހަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނެވެ. އަދި ޕީއެންސީގެ މެންބަރުންގެ ބައެއް މެންބަރުން ވެސް ރައީސްގެ ދިފާއުގައި ނުކުމެވަޑައިގެންނެވި އެވެ.













