ނ. ހޮޅުދޫ ގެއެއްގެ ތެރެއިން ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ މިއަދު ހެދުނު ފެނުނު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ފުރައިފި އެވެ.
މިއަދު ހެދުނު ޒަހަމްތަކަކާއެކު ޒަކިއްޔާ ފުރަތަމަ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ވަތް ބަޔަކަށް ކަމަށް އެ ރަށުން މައުލޫމާތު ދިން އެކި ފަރާތްތަކުން ބުންޏެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް ފުރާފައިވާ ކަމަށް ފުލުހުން ބުނީ މެންދުރުފަހު 1:45 ހާއިރު އެވެ. މިހާރުވެސް އެ ރަށުގައި ފުލުހުންގެ ފޮރެންސިކް ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ހޮޅުދޫއިން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ނަން ނުޖެހުމަށް އެދި މައުލޫމާތު ދިން ގޮތުގައި ޒަހަމްތައް ހުރީ ޒަކިއްޔާގެ ކަރުގަ އެވެ. އަދި އޭނާ ފެނުނުއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށް އެ ރަށުން މައުލޫމާތު ދިނެވެ.
ނަމަވެސް މި މައްސަލާގެ އިތުރު އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން ދީފައެއް ނުވެ އެވެ.














