ދައުވަތު ދިނުމުން ގެސްޓުހައުސްއަކަށް ދިޔަ ފިރިހެނަކު ރަހީނުކޮށްގެން އޭނާ އަތުން 53،000ރ ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރު ކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ އާއިޝަރު މަލްޖާ މޫސާ ދީދީ 27އ، ކުންނާރުގެ، ސ. މަރަދޫ ކަމަށެވެ. އޭނާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ފިރިހެން މީހާ ރަހީނު ކުރީ އައިޖީއެމް ހޮސްޕިޓަލް ކައިރިން މިދިޔަ އޯގަސްޓު 26، ގައި ހުއްޓުވައި މުރަނގަ މަގުގައި ހުންނަ ގެސްޓުހައުސްއަކަށް ދިޔުމަށް މަލްޖާ ދައުވަތު ދީގެން ގެންގޮސް ކަމަށެވެ. އެމީހާ ރަހީނު ކުރުމުގައި ފިރިހެނަކު ވެސް ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.
އެ ފިރިހެން މީހާގެ އަތުން 53،000ރ. ފޭރުނީ އޭނާގެ ކޭޝް ކާޑު އަތުލައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް މަގުމަތިން މީހުން ހުއްޓުވައި، ހަށި ވިއްކާނެ ކަމަށް ބުނެ ދައުވަތު ދިނުމުން އެކި ތަންތަނަށް ދާ ފިރިހެނުން އަތުން ފޭރުން ވަނީ އާންމުވެފަ އެވެ. މީގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ނެޓްވޯކެއް ގޮތަށް އެފަދަ ބަޔަކު ހަރަކާތްތެރި ވަނިކޮށް ފުލުހުން ވަނީ އެމީހުން އަތުލައިގެންފަ އެވެ.













