ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ޖުލައި 31، ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމުގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.
އިކްރާމުގެ ބަންދުގެ މުއްދަތު އިތުރު ކުރިކަމަށް ފުލުހުން ބުނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
ވިނަރެސް ފުލެޓުތައް ކައިރީގައި ހިނގި އެ އެކްސިޑެންޓު ހިނގީ އިކްރާމު ދުއްވަން އިން ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މައްސަލައިގައި އިކްރާމު ހިމެނޭހެން ޖުމުލަ ތިން މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޯގަސްޓު 1، ގައި އަމުރު ކުރީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދު ކުރުމަށެވެ.
ނަމަވެސް, އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި މިދިޔަ އާދީއްތަ ދުވަހު ހައި ކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ.

އެ ކޯޓުން އެގޮތަށް ހުކުމް ކުރީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިއިރު، ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ފުލުހުން އިކްރާމަށް ދީފައި ނުވާތީ އެވެ.
ނަމަވެސް ޖެހިގެން އައި، ހޯމަ ދުވަހު އިތުރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރު ކުރީ އެވެ.
ޖުލައި މަހު ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއްވި އެވެ، އޭނާއަށް ފަރުވާ ދިނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.













