ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން ވިސާމް ސިދުގީ 26އ، ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ވިސާމް ބަންދު ކުރަން ކޯޓުން އަމުރު ކުރިކަމަށް ފުލުހުން ބުނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ. ވިސާމްއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށް ވެސް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.
ސާމް ދުއްވި ކާރުން ޖެހުނީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު ގައިގަ އެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސަމާހު ވަނީ މަރުވެފަ އެވެ.
ރޭގެ އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.
އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 2:48 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ ހާދިސާ ހިނގުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޓަކައި ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލުތައް ގެންނަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ވިދާޅުވެފަ އެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ ހިނގި ފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެންމެންގެ ވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއް ކަމަށެވެ. ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމަށް ހަދަން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.












