ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވަން އިން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ވިސާމް ސިދުގީ، ވައިލެޓުފޮތި، ސ. ހިތަދޫ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.
ވިސާމް ދުއްވި ކާރުން ޖެހުނީ މޯލްޑިވްސް ޕްރިޒަންސްގެ ކޯޕްރަލް ހަސަން ސަމާހު ގައިގަ އެވެ. އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސަމާހު ވަނީ މަރުވެފަ އެވެ.
ރޭގެ އެކްސިޑެންޓު ހިނގާފައި ވަނީ ސެންޓްރަލް ޕާކު ސަރަހައްދުގަ އެވެ.
އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު، އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 2:48 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.













