ފުލުހުންނާއި އޭސީސީގެ ފޭކު ރިޕޯޓުތަކެއް އުފައްދާ ދައުރުކުރާ މައްސަލަ ބަލަނީ

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު: ފުލުހުންނާއި އޭސީސީއާ ގުޅުވާ ފޭކު ރިޕޯޓުތަކެއް އުފައްދާ ދައުރުކުރާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ --- ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު: ފުލުހުންނާއި އޭސީސީއާ ގުޅުވާ ފޭކު ރިޕޯޓުތަކެއް އުފައްދާ ދައުރުކުރާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރުނު މައްސަލާގެ ތަހުގީގީ ރިޕޯޓަކާއި އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އަސްލު ނޫން ރިޕޯޓެއް ދައުރުކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔާމީނު ހައްޔަރުކުރަން 2016 ގައި ނެރުނު ކޯޓު އަމުރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަމުން ދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.

އެގޮތުން އެ ރިޕޯޓުގައި ބޭނުންކޮށްފައި ހެޑާ އާއި އަސްލާ ދިމާނުވާ ކަމަށާއި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަމުގައި އެ ރިޕޯޓުގައި ބޭނުންކޮށްފައި ވަނީ މިހާރުގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާނުގެ ސޮއި ފޯޖުކޮށްގެން ކޮށްފައި އޮތް ސޮއެއްކަން ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އަސްލު ނޫން ލިޔެކިޔުން އުފެއްދުމާއި ފޯޖުކުރުމަކީ ގާނޫނީ ކުށެކެވެ. ދައުރުވަމުންދާ ރިޕޯޓުގައި ހުރީ ސައްހަނޫން ވާހަކަތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސައްހަ ނޫން މި ރިޕޯޓު އުފައްދައި ދައުރުކުރަމުންދާ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މިއީ މި ރިޕޯޓު ސައްހަ ނޫން ކަމަށް ފުލުހުން ބުނި ދެވަނަ ފަހަރެވެ. ރިޕޯޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ކަމަށް ވެސް އޮތެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވަނީ ރައީސް އާއި އަބްދުއްރަހީމަށް ތުހުމަތުތަކެއް އަމާޒުވާ ގޮތަށް އޮތް ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ސައްހަ ރިޕޯޓެއް ކަމަށް ވިދާޅުވެފަ އެވެ. އޭރު ތަހުގީގު ކުރާ ކަމަށް ވިދާޅެއް ނުވެ އެވެ.

މި ރިޕޯޓުގެ އިތުރުން، އޭސީސީގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ އަސްލު ނޫން ރިޕޯޓެއް ދައުރުކުރާ މައްސަލައެއް ބަލަމުންދާ ކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އޭސީސީ އިންނެވެ. ނަމަވެސް މި ރިޕޯޓުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުންގެ ބަޔާން ނިންމާލަމުން ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރި ނުވާން އިލްތިމާސްކޮށްފައިވެ އެވެ.

ފުލުހުން ދޮގުކުރި ރިޕޯޓު ސޯޝަލް މީޑިއާގެ އިތުރުން ޔާމީނުގެ ސިޔާސީ ޕާޓީ ޕީއެންއެފްގެ ޖަލްސާތަކުގައި ވެސް ދައުރުކޮށްފައިވެ އެވެ. އެގޮތުން މި ސަރުކާރާއި ރައީސްއަށް ފާޑުކިޔާ މި ރިޕޯޓުގައި ހުރި ވާހަކަތައް އެ ޕާޓީގެ އިސްވެރިން ބޭނުންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox