ފުލުހުންނަށް ކުރެވޭ ގޯސް ކަންކަމުގައި އެ އިދާރާ ޒިންމާ ކުރުވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ޔާމީން ވިދާޅުވީ ފުލުހުންގެ އެސްއޯޕީއެއްގައި ހުންނަ ކަންތައްތައް ފޮލޯނުކޮށް އެއިން ބޭރުން ކަމެއް ކޮށްފިނަމަ، އެ މުއައްސަސާ ރަނގަޅު ކުރުމަށް ވެސް އެމީހުން ބޮލުގައި ޖިނާއީ ލައިބިލިޓީއެއް އަޅުވަން ޖެހޭނެ ކަމަށެވެ.
"އެ ހުންނަ އެސްއޯޕީއެއްގައި ހުންނަ ކަންތައްތައް ފޮލޯނުކޮށް އެއިން ބޭރުން ކޮށްފި ކަމަށްވަންޏާ އެމީހުން އެބަޖެހޭ ޖިނާއީ ލައިބިލިޓީ އެ މީހުން ބޮލުގައި އަޅަން. އެ ދުރަށްލާފައި ކުރި ކަމެއްގެ ނަތީޖާ ނުބައިކޮށް ނިކުމެއްޖެއްޔާ. އެއީ މުއައްސަސާ ރަނގަޅު ކުރެވޭނެ ގޮތަކީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ފުލުހުންނަށް ނުބައި ނިޔަތެއް ނެތިވެސް ގޯސް ކަންތައްތައް ކުރެވި، އޭގެ ސަބަބުން ގޯސް ނަތީޖާއެއް ނިކުމެދާނެ ކަމަށެވެ.
އެގޮތުން ނުބައި ނަތީޖާއެއް ނިކުމެއްޖެނަމަ ފުލުހުންގެ އޮޕަރޭޝަނަލް ކަންތައްތައް ހުންނަ ގޮތުން އެމީހަކު އަމަލުކުރަނީ އިޖުރާއަތްތައް ހުންނަ ގޮތުން އެމީހުން އެކަން ކުރީ ސްޓެޕް ބައި ސްޓެޕް ރަނގަޅަށްތޯ ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ޔާމީން ވިދާޅުވީ ފުލުހުންނަކީ މަދަނީ ބަޔަކަށްވާއިރު ޖިނާއީ ބޮޑު އަދަބެއް ދިނުމުގެ ބަދަލުގައި ފިޔަވަޅު އަޅައިގެން ވިޔަސް ފުލުހުންނަށް ފިލާވަޅު ނެގޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.













