ބޭންކް އޮފް މޯލްޑިވްސް އާއި އިދިކޮޅު އެމްޑީޕީ އިން ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ބީއެމްއެލްގެ ރަސްމީ ބަޔާނެއް ފުލުހުން ނަގައިފި އެވެ.
ސަރުކާރުން ބުނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅުނީ އޯގަސްޓު 25، ގައި ކަމަށެވެ. ސަރުކާރު ވައްޓާލަން އުޅުނީ އާންމުންނަށް ދަތިވާނެ ގޮތަށް ބީއެމްއެލް އިން ޑޮލަރު ލިމިޓު ކަނޑާލުމަށްފަހު މަގުމައްޗަށް މީހުން ނެރެން މަސައްކަތްކޮށްގެން ކަމަށް ފުލުހުން ބުނެ އެވެ.
ބަގާވާތުގެ ތަހުގީގަށް ބަޔާނެއް ދޭން އެންގުމުން ބީއެމްއެލްގެ ފަރާތުން އެ ބަޔާން މިހާރު ފުލުހުންނަށް ފޮނުވާފައިވާކަން "އަދަދު" އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ބޭންކުގެ އެއްވެސް މުވައްޒަފަކަށް ޖިނާއީ ތުހުމަތު އަދި ނުކުރާކަން އެނގިފައިވެ އެވެ.
ފުލުހުންނަށް ބޭންކުގެ ފަރާތުން ބަޔާނެއް ފޮނުވިންތޯ މި ނޫހުން އެހުމުން ބީއެމްއެލް އިން އެކަމަށް ކޮމެންޓެއް ނުކުރި އެވެ.
ފުލުހުން ބުނަނީ ބީއެމްއެލް އިން ދިވެހި ރުފިޔާ އެކައުންޓުތަކަށް ދެމުން އައި ޑޮލަރު ސަޕޯޓު ކަނޑާލި ވަގުތު އިގްތިސާދީ ހާލަތު ކިޔައިދޭން އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ އިއްތިފާގުން ނޫން ކަމަށެވެ. އެއީ ސަރުކާރު ވައްޓާލަން ހިންގި ރޭވުމުގެ ބައެއް ކަމަށް ފުލުހުން ބުނެ އެވެ. އެ ޕްރެސްގެ ފަހުން ސޯޝަލް މީޑިއާގެ ބޮޓު އެކައުންޓުތަކެއް ބޭނުންކޮށްގެން މަގު މައްޗަށް މީހުން ނެރެން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ޑޮލަރު ސަޕޯޓު ކަނޑާލި ދުވަހު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓްމަކް ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ. އަދި ފަހުން ބޭންކުގެ ރެގިއުލޭޓަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އަންގައިގެން ބޭންކުގެ ނިންމުން ވަނީ ހަމަ އެ ދުވަހު އަނބުރާ ގެންގޮސްފަ އެވެ.
ބަގާވާތުގެ ތަހުގީގު ކުރަމުން އަންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ކުށުގެ ތުހުމަތުގައި މީހަކާ ސުވާލެއް ވެސް ނުކުރެ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައެއް ވެސް ނުވެ އެވެ.
އޯގަސްޓު 25، ގައި ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ޖެހިގެން އައި ދުވަހު ވެރިކަން ހިންގާ ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ބަގާވާތެއް ކުރަން އުޅުނު ކަން "ބުއްދި ހުރި ކޮންމެ މީހަކަށް" ވެސް ސާފުވާނެ ކަމަށެވެ.
"މި ކުރި ކަންތައް، ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު މި ދެންނެވި ހުރިހާ ޑޮޓުތަކެއް ގުޅިގެންދާކަން އެނގޭނެ، މިކުރި ކަންތައް މިއީ، ހަމަ ޝިޔާމު [މިނިސްޓަރު ޝިޔާމު] ވެސް ފާހަގަކުރެއްވި ގޮތަށް ވާނީ ހަމަ އެޓެމްޕެޑް ކޫއަކަށް، އެކުރި ބަޔަކު ކުރީ،" މުއިއްޒު ވިދާޅުވި އެވެ.














