ކ. އަތޮޅު ހުވަފެންފުށި ކައިރީ އޮތް ފިނޮޅަކަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ މާލެ ސިޓީ ކައުންސިލްގައި ވަޒީފާގައި އުޅޭ މ. އަސަރީހަދާން، ތަސްލީމް މުހައްމަދު، 43، އެވެ. އޭނާ ގެއްލުނީ އިއްޔެގެ ވަގުތެއްގަ އެވެ.
"ރައްޓެހިންތަކަކާއެކީ ދަތުރު ދިޔައީ ބުރާސްފަތި ދުވަހު. އިއްޔެ ހެނދުނު ދަބަހާއި ފޯނު އެހެން ބަޔަކަށް ދީފަ ބުނީ އެބަ އަންނަމޭ. އެއަށްފަހު ހަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދަނީ،" ތަސްލީމްގެ އާއިލާއިން ބުންޏެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ތަސްލީމްގެ އާއިލާއިން ބުނީ އޭނާ ގެއްލިގެން އިއްޔެ ޕޮލިހުންނާއި އެމްއެންޑީއެފްއަށް ވެސް އަންގާފައިވާ ކަމަށެވެ. ދަތުރު ދިޔަ ފިނޮޅަކީ ފުދޭ ވަރަކަށް ބޮޑު ތަނެކެވެ. އެވަގުތު އެތަނުގައި އެހެން ބަޔަކު ވެސް އުޅުނެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން ސޭންޑް ބޭންކް ހިމެނޭ ސަރަހައްދު މިހާރު ބަލާފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. ނަމަވެސް މިހާތަނަށް ތަސްލީމުގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އާއިލާއިން ބުންޏެވެ.

ފުލުހުން ބުނީ ތަސްލީމް ގެއްލިގެން ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވޭ،" ފުލުހުން ބުންޏެވެ.
ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެތަނަށް ދަތުރު ބަޔަކު ގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9794639 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.













