މާލޭ އުތުރު ބަނދަރުގައި އޮތް ބޯޓަކުން ގިނަ އަދަދެއްގެ ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މި މަހުގެ 23 ގައި ކަަމަށެވެ. ނަމަވެސް މިހާތަނަށް މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ވަގަށްނެގި ރިހާކުރު ޓައްޕުތަކުގެ އަގު 50،000ރ. އަށް އަރާ ކަމަށް ވެރިފަރާތާ ހަވާލާދީ ފުލުހުން ބުންޏެވެ. އެ ޓައްޕުތައް މިހާރު ހޯދާފައިވާކަމަށް ވެސް ބުންޏެވެ.
"އެ ތަކެތި ހޯދުމަށް ސީސީޓީވީ ފޫޓޭޖު ބަލައި، ދެނެގަނެ ފުލުހުން ކުރި މަސައްކަތްކުން ރިހާކުރު ޓައްޕުތައް ވަނީ ހޯދާފަ. މި ތަކެތި ހޯދާފައިވަނީ މީހަކަށް ވިއްކާލާއި، ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ." މީޑިއާތަކަށް ފުލުހުން ދިން މައުލޫމާތުގައި ބުންޏެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ނުވަތަ ބަޔަކު ދެނެގަނެވިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ސާފުކޮށެއް ނުދެ އެވެ. ނަމަވެސް މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

އުތުރު ބަނދަރަކީ އަތޮޅު ތެރޭގެ ރަށްތަކާއި މާލެއާ ދެމެދު މީހުންނާއި މުދާ އުފުލާ ގިނަ އަދަދެއްގެ ބޯޓުތައް ބަނދަރުކުރާ ސަރަހައްދެވެ. މީގެކުރިންވެސް އެ ސަރަހައްދުގައި ހުންނަ ބޯޓުތަކުން ވައްކަން ކޮށްފައިވެ އެވެ. އޭގެތެރެއިން ބައެއް ވަގުން ބޯޓުތަކުން ފަޅުވެރިން ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.












