ޑޮލަރު އެކައުންޓެއް ނެތް ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދެން ޑޮލަރު ނުލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފި އެވެ.
ބީއެމްއެލްއިން ބޭރުގައި ކިޔަވާ ކުދިންނަށް ދޭ ޑޮލަރުގެ ލިމިޓަކީ މިހާރު 750 ޑޮލަރެވެ. ނަމަވެސް ކިޔަވާ ކުދިންނަށް ދެން ރުފިޔާ ކާޑުން އެންމެ ބައި ލޯ ލާރިއެއް ވެސް ނުނެގޭނެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓާ މަރިޔަމް ނުޒުހަތު "އަދަދު" އަށް ވިދާޅުވީ ބީއެމްއެލްއިން ކާޑު ލިމިޓްތަކަށް ގެނައި ބަދަލުތައް ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ވެސް އެޕްލައި ވާނެ ކަމަށެވެ.
"މި ބަދަލުތައް އެޕްލައިވާނެ ހުރިހާ ކާޑް ހޯލްޑަރުންނަށް ވެސް،" ނުޒުހަތު ވިދާޅުވި އެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ ޖޫން މަހު ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް "ސްޓައިޕެންޑް" ގެ ގޮތުގައި ކޮންމެ މަހަކު ވެސް ދަރިވަރަކަށް ވިއްކަމުން އައި 1،000 ޑޮލަރުގެ ބަދަލުގައި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އަދަދެއް ދިނުމަށް ނިންމާފަ އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޑޮލަރު ނެގޭނެ އަދަދު 1،200 އިތުރުކުރުމަށް ސަރުކާރުން ޑިސެންބަރު މަހު ވައުދުވެފައިވި ނަމަވެސް އެކަން ނުުކުރެވެ އެވެ. މިކަން ނުކޮށްދީގެން ބީއެމްއެލްގެ ބޯޑަށް ވެސް ބަދަލުތަކެއް ގެނަ އެވެ.
ބޭންކުތަކުން ކަނޑައަޅާފައި އޮންނަ ޑޮލަރު ލިމިޓު އުވައިލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.













