މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާން މަޝްވަރާކުރަން ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން އެދިފައި ނުވާނެ ކަމަށް މިއަދު ކުރިއަށްދާ އެ ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެރިން ހާޒިރުކޮށްގެން ބާއްވާ މި ކޮމިޓީ ސިއްރުކުރަން ފިނޭންސުން އެދުނު ކަމަށް އެ ކޮމިޓީގެ މުގައްރިރު، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އޮގަސްޓު 6, ގައި އޮތް ބައްދަލުވުމުގައި ވިދާޅުވި އެވެ. އަދި, ވޯޓެއް ނެގުމަށް ފަހު ކޮމިޓީން ސިއްރުކުރަން ނިންމި އެވެ.
ނަމަވެސް, މިއަދު އެ ބަޔާންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ކޮމިޓީ ފެށުމާއެކު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ހުޅުވާލައިގެން ކޮމިޓީ ކުރިއަށްގެންދަން ހުށަހަޅުއްވާފަ އެވެ. އެ ގޮތަށް ފާސްވީ ފަސް މެންބަރުންގެ ވޯޓާއެކު އެވެ.
އެ ބައްދަލުވުމުގައި ލިބުނު ފުރުސަތުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވި ގޮތުގައި އެ ބަޔާން ކޮމިޓީއަށް ފޮނުވި އިރު ސިއްރު ކުރުމުގެ އެއްވެސް ނިޔަތެއް ނެތެވެ. އަދި, އެ މައުލޫމާތުތަކަކީ ގެޒެޓުކޮށް އާންމުންނަށް ފެންނާނެ ގޮތަށް ހުންނަ މައުލޫމާތު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަރަނީގެ ސްޓެރެޓެޖީ ބިލު މަޖިލީހަށް ފޮނުވިއިރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށައަޅާ ބަޔާނަކަށްވުމުން އެއްވެސް ގޮޮތަކަށް ސިއްރުކުރުމުގެ ނިޔަތެއް މިކަމުގަ އެއް ނެތް," ޝަފީގު ވިދާޅުވި އެވެ.

އެހެންވެ,
ފިސްކަލް ސްޓްރެޓަޖީ އާއި ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން މަޝްވަރާކުރާ ކޮމިޓީ ކުރިން ކުރަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި 2018 އިން ފެށިގެން މި ބަޔާންތައް ގަވާއިދުން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި އެބަހުއްޓެވެ.













