ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާ ހޫނުވެ، ރިޔާސަތުން އިދިކޮޅު އެމްޑީޕީ ތިން މެންބަރެއްގެ ނަން އިއްވައި ޖަލްސާ ދޫކޮށް ދާން އަމުރުކޮށްފި އެވެ.
ނަން އިއްވި ހަތަރު މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.
މައްސަލަ ހޫނުވީ ވައިކަރަދޫ މެންބަރު ޒިޔާދު ކުރެއްވި ސުވާލަކަށް މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވުމުންނެވެ. ޒިޔާދު ކުރެއްވި ސުވާލަކީ، ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓު ނުއަތުލާނެ ކަމަށް ވައުދުވުމަށްފަހު އެ ސިޔާސަތު މިނިސްޓްރީން ބަދަލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވާފައިތޯ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓާއި ގޯތި އެއްވެސް މީހެއްގެ އަތުން އަތުލާނީ ލިބިފައި ވަނީ ހައްގުވެރިންނަށްތޯ ނުވަތަ ނޫންތޯ ބެލުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެންނެއް އެއްވެސް ބަދަލެއް ނުގެންނާނަން އެ ފްލެޓެއް ނުވަތަ ގޯއްޗެއް ލިބިފައި ވަނީ ހައްގު ލިބެންވާ ފަރާތަކަށްކަން ޔަގީންކޮށްފައި ނޫނިއްޔަކާއެއް،" ހައިދަރު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ނުލިބުމުން ޒިޔާދު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއީ ނިޒާމީ ނުކުތާއެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ.
"އިއްޒަތްތެރި މެންބަރު އެދިވަޑައިގަންނަވާ ޖަވާބު ނުލިބުމަކީ އަދި ނިޒާމީ ނުކުތާ ނެގޭނެ ސަބަބެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ފަހުން ޒިޔާދާއި މައުރޫފް އާއި ނިއުޝާދު އަދި އެމްޑީޕީގެ ބައެއް އެހެން މެންބަރުން ގޮނޑިން ތެދުވެވަޑައިގެން ރިޔާސަތާ މުހާތަބު ކުރުމަށް މޭޒު ކައިރިއަށް ވަޑައިގަތެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމަށާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިދުމަށް އެހާ ހިސާބުން އަބްދުއްރަހީމް އެންގެވި އެވެ.
ނަމަވެސް އެ ތިން މެންބަރުން ވެސް އެނބުރި ގޮނޑިތަކަށް ވަޑައިނުގަތުމުން އެންމެފަހުން ނަން އިއްވައި މަޖިލިސް ޖަލްސާ ދޫކުރަން އެ ތިން މެންބަރުންނަށް ރިޔާސަތުން އެންގެވި އެވެ. އެއަށްފަހު އެ މެންބަރުން ޖަލްސާ ދޫކުރައްވަންދެން ޖަލްސާ ވަނީ މެދުކަނޑާލައިފަ އެވެ.














