ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ފުރަން ގޮސްހުރި އަންހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ 30 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ފުރަން ގޮސް ހުރީ އައްޑޫ ސިޓީ އަށެވެ. އޭނާ ފުރަން ގޮސް ހުރީ ފުލުހުން ބުނި ގޮތުގައި މޫނުބުރުގާ އަޅައިގެންނެވެ.
ހައްޔަަރުކުރި މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލާގައި "އަދަދު" އިން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ، އަންހެން މީހާގެ އަތުން ފެނުނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓު ކަމަށެވެ. ކޮންމެ ޕެކެޓެއްގައި ހުރި މަސްތުވާތަކެތީގެ ބަރުދަން 100 ގްރާމަށްވުރެ މަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު އަންހެން މީހާގެ ބަންދާމެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.














