ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޝްހޫރު މާވެލް ކެރެކްޓާ "ޑެޑްޕޫލް" ގެ ކޮސްޓިއުމެއް ލައިގެން އުޅުނު މީހާއަކީ ކާކުތޯ ބެލުމަށްފަހު ދޫކޮށްލައިފި އެވެ.
އެއާޕޯޓުގައި އެ ކޮސްޓިއުމް ލައިގެން މީހަކު އުޅުނު ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވީ ރޭގަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއަކުން ފެންނަ ގޮތުގައި ދެތިން ފުލުހަކު އޭނާއާ ސުވާލުކުރާތަން ފެނެ އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ޑެޑްޕޫލް ކޮސްޓިއުމް ލައިގެން އުޅުނީ މީހަކަށް އިސްތިގުބާލު ކުރަން ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"ކާކުކަން އޮޅުން ފިލުވުމަށްފަހު ސުވާލު ކުރެވުނު ކަމަށް ވަނީ،" ފުލުހުންގެ ތަރުޖަމާނުކަންވެސް ކުރައްވާ ޝިފާން ވިދާޅުވި އެވެ.
ޑެޑްޕޫލް ކޮސްޓިއުމެއް ލައިގެން މީހަކު ވީއައިއޭގައި އުޅެފައި މިވަނީ އެ ކެރެކްޓާގެ އެންމެ ފަހުގެ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވަރިން" ނިކުތްތާ ދުވަސްކޮޅެއް ފަހުންނެވެ. ޖުލައި 25، ގައި ޕްރިމިއާ ކުރި މާވެލްގެ މި ފިލްމު މިހާރުވެސް ސިނަމާ ތަކުގައި ދަނީ އަޅުވަމުންނެވެ.

ރާއްޖޭގައިވެސް މާވެލްގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް އޮވެ އެވެ.












