މާލެއަށް ބޭސް ފަރުވާއަށް އައިސް ހުރި 62 އަހަރުގެ މީހަކު ދިރިއުޅެމުންދިޔަ ކޮޓަރިއަކަށް ބަޔަކު ވަދެ، އޭނާ ބަނުމަށްފަހު ފޯނާއި ފައިސާތަކެއް ފޭރިގަނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އުމުރުން ދުވަސްވީ މީހާ އަތުން ފޭރުނީ އޭނާ ކުއްޔަށް ނަގާފައި ހުރި ކޮޓަރިއަށް މީހަކު ވަދެ ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފޭރުނު ކަމަށް ބުނާ މީހާގެ އަތަށް ލިބިފައި ހުރި އަނިޔާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އެ ފޮޓޯ ހިއްސާ ކުރުމަށްފަހު އަނިޔާ ލިބުނު މީހާގެ ދަރިފުޅު ބުނީ އޭނާގެ ބައްޕަ އަތުން ފޭރުނީ އަތްފައި ބަނުމަށްފަހު ކަމަށެވެ. އަދި އެކަން ކުރީ ދެ މީހަކު ވެގެން ކަމަށް އޭނާ ބުނެފައިވެ އެވެ.













