މާލޭގެ އެޕާޓްމަންޓަކަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ފުލުހުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލާގައި ހައްޔަރުކުރީ މާލެ، ކ. ދިންމަނަ، އަބްދުﷲ ތިލްމީޒް، 32 ކަމަށެވެ. އަދި މި މައްސަލައިގައި އޭނާ ފޭރުނު ކަމަށް ބުނާ 26،960ރ. ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި މިކަމެއް ހިނގިއިރު އެއްވެސް މީހަކަށް އަނިޔާވީ ކަމެއް ނުވަތަ ނުވާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. ހަމައެކަނި ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ފަހަކަށް އައިސް މާލޭގައި މީހުން ރަހީނުކޮށްގެން އަދި އެނޫން ގޮތްގޮތަށް ވެސް ފައިސާ ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެކި ކަންކަމުގައި ކަމަށް ބުނެ އެޕާޓްމަންޓުތަކަށް މީހުން ވައްދާ އެ މީހުން ބަރަހަނާކޮށް ބިރު ދައްކައިގެން ފައިސާ ފޭރުނު މައްސަލަތަކެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.












