ބިޔަރު ދަޅުތަކަކާއި ބަނގުރާ ފުޅިއަކާއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 10:00 ހާއިރު ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފިރިހެއް ކަމަށްވާ ސޯހިދުލް އިސްލާމް، 33، ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ސޯހިދުލް ހައްޔަރުކުރި ރޭ ބިޔަރު ދަޅުތަކާއެކު އޭނާ ހުއްޓުވައިގެން ފުލުހުން ހަރަކާތްތެރިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތުން އަތުލައިގަތީ ހެއިނެކެން ބްރޭންޑުގެ ބިޔަރު ދަޅުތަކެކެވެ. ފުލުހުން އެ ތަކެތި ބަލަމުންދިޔައިރު ކައިރީގައި ކާރެއްވެސް ހުއްޓުވާފައި އޮތެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަތުން ފެނުނީ ދެ ކޭހަށްވާ ޖުމްލަ 48 ދަޅުގެ ބިޔަރާއި ބަނގުރާ ފުޅިއެވެ. މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރުކޮށް މިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ކުށްކުރާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މި އޮޕަރޭޝަނުގެ ދަށުން އިމިގްރޭޝަނުން ދަނީ ގިނަ އަދަދެއް ބިދޭސީން ޑީޕޯޓުކުރަމުންނެވެ.












