މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ދެ މެންބަރަކު މިއަދު އިންތިހާބު ކޮށްފި އެވެ.
މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު ކާމިޔާބު ކުރީ 32 ވޯޓު ހޯދި އާމިނަތު ޒިހާނާ އާއި އާއިޝަތު ހަސަން އެވެ. ބާތިލުވީ ތިން ވޯޓެވެ.
50 މީޑިއާއަކުން ވޯޓު ލުމަށް ރެޖިސްޓަރީ ކުރި އިންތިހާބުގައި ހަ ކެންޑިޑޭޓަކު ވާދަ ކުރި އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓަކަށް އެއްވެސް ވޯޓެއް ނުލިބެ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލު މެންބަރުކަމުގެ ދައުރަކީ ދެ އަހަރު ދުވަހެވެ. މީޑިއާ ކައުންސިލުގެ މައިގަނޑު މަގުސަދަކީ ގާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމެވެ.
އަދި، މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާއި އުސޫލުތައް ހިފަހައްޓާތޯ ބެލުމުގެ ވެސް ޒިންމާދާރު ފަރާތަކީ މީޑިއާ ކައުންސިލެވެ.














