ހުޅުމާލެ ދެވަނަ ފިިޔަވަހީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް، ހައްޔަރުކުރި އެންމެންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.
ވިނަރެސް ފުލެޓުތައް ކައިރީގައި ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުވުމާއެކު، ކާރު ދުއްވި ޑްރައިވަރު ފިލި އެވެ. ކާރު ދުއްވަން އިން 25 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ރޭ ފުލުހުން ބުންޏެވެ. އެއަށް ފަހު، މި މައްސަލައިގައި ހައްޔަރުކުރި އިތުރު ދެ މީހުންނާއެކު ޖުމުލަ ތިން މީހުންގެ ވަނަވަރު ރޭ ދަންވަރު ފުލުހުން ހާމަކުރި އެވެ.
އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން
- އިކްރާމުއްރަހުމާން، ހ. ނޫރަންމާގެ
- އިބްރާހިމް އިކްރާމް، މ. ލޭންޑް އޮފް ގާޑަން
- ޖިނާހު އިސްމާއީލް، އާޒާދުގެ، ގއ. ކަނޑުހުޅުދޫ
މި ތިން މީހުންގެ ފޮޓޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރުގެ ދަށުންނެވެ.

ސައިކަލް މަތީގައި އިން މީހާގެ ގައިގައި ކާރުން ޖެއްސުމުން، އެ މީހާ ވިއްސައިގެންދާ މަންޒަރު

އެކްސިޑެންޓުގައި އަނިޔާވި މީހާ ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ. އެ މީހާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.
ކާރުން ޖެހުމުން ސައިކަލުގައި އިން މީހާ ވިއްސައިގެން، ދުވާރު މައްޗަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އަދި އެއަށް ފަހު، އެ އިންދާފައި ހުރި ގަސް ބުރިކޮށް ވައްޓާލައި، ކާރު ގޮސް މަތަވީ ގަސް އިންދާ ބައި ހުރަސްކޮށް ދުވާރު މައްޗަށެވެ.












