ހުޅުމާލެ ދެވަނަ ފިިޔަވަހީގައި މިއަދު ނުރައްކާތެރިކޮށް ދުއްވައި މީހެއްގެ ގައިގައި ކާރަކުން ޖައްސައި އެކްސިޑެންޓުވިއިރު ކާރު ދުއްވަން އިން މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
މެންދުރު އެކްސިޑެންޓުވުމުން، އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާ ފިލި އެވެ. އޭނާއަކީ 25 އަހަރުގެ މީހެއް ކަމަށްވާއިރު އޭނާ ހައްޔަރުކުރިކަން ފުލުހުން ހާމަކުރީ ދާދި ދެންމެއަކު އެވެ.
އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު އޭނާއާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވެ އެވެ.
ވިނަރެސް ފުލެޓުތައް ކައިރީގައި މިއަދު ހިނގި އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މީހާއަށް މިހާރު ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ އެވެ.

ކާރުން ޖެހުމުން ސައިކަލުގައި އިން މީހާ ވިއްސައިގެން، މަގުގެ ގަސް އިންދާ ބައިގެ މަތިން ގޮސް ދުވާރު މައްޗަށް ވެއްޓޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.
ސައިކަލުގައި ޖެހުނު ކާރު ގޮސް މަތަވީ ގަސް އިންދާ ބައި ހުރަސްކޮށް ދުވާރު މައްޗަށެވެ. ސައިކަލުގައި ޖެހުމަށްފަހު ގަހެއްގައި ކާރުން ޖެހި އެ ގަސް ބިންދައިގެންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު ކަމަށް ވެސް ފުލުހުން ބުންޏެވެ.











