ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފުލެޓުތައް ކައިރީގައި ކަމަށާއި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. އެ މީހާ ވިއްސައިގެން ގޮސް، މަގުގެ ގަސް އިންދާ ބައިގެ މަތިން ގޮސް ދުވާރު މައްޗަށް ވެއްޓޭ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.
ގަސް އިންދާ ބައި ހުރަަސްކޮށް ގޮސް ދުވާރު މައްޗަށް ކާރު މަތަވި އިރު، އެތަނުގައި ހުރި ގަހެއް ވެސް ބިންދައިގެންދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
އެ ހާދިސާގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.













