މިދިޔަ ހޮނިހިރު ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 15.38 ކިލޯގެ ކެނެބިސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ނާކޮޓިކްސް އޮޕަރޭޝަންސް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ އެ މައްސަލައާ ގުޅިގެން މެލޭޝިއާގެ 41 އަހަރާއި 42 އަހަރުގެ މެލޭޝިއާ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން މަސްތުވާތެކެތި އެތެރެ ކުރި މީހާއަކީ 42 އަހަރުގެ މީހާ ކަމަށެވެ. 41 އަހަރުގެ މީހާ ހައްޔަރު ކުރީ އެ މައްސަލައިގައި އިތުރަށް ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން މާލެއިން ކަމަށެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ހެޑް އޮފް ޑްރަގް ޓްރެފިކިން އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅުންހުރި އިތުރު ފަރާތްތަކެއް ވެސް އެބަތިބިކަން ފުލުހުންގެ ތަހުގީގަށް ފާޅުކަން ބޮޑުކޮށް އެނގިފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހައިތަނަށް ފާހަގަކުރެވިފައި ވާގޮތުގައި ހަތަރު ގައުމެއްގެ މީހުން މިކަމުގައި ބައިވެރިވާކަން ފާހަގަ ކުރެވިފައިވޭ،" ވަހީދު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ބޭރުގެ އިދާރާތަކުގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވީ އެ ތަކެތި ފެނިފައި ވަނީ ރާއްޖެ އައި 42އ. ގެ މެލޭޝިއާ މީހާގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭނާ ރާއްޖެއަށް އައީ ދުބާއީ މަގުން ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
މެލޭޝިއާ މީހާ ރާއްޖެ އައީ ހޮނިހިރު ދުވަހުގެ ހެނދުނު 7:40 ގަ އީކޭ ފުލައިޓު - 656 އިންނެވެ.
"ލަގެޖުން ފެނުނު ތަކެތި ކަސްޓަމްސްއިން ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ވައްތަރެއް ކަމަށްވާ ކެނެބިސްއަށް ވަނީ ޕޮޒިޓިވް ވެފައި، މިތަކެތީގެ ބަރުދަނުގައި ޖުމުލަ 15.38 ކިލޯގުރާމު އެބަހުރި، އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 12.3 މިލިއަން ރުފިޔާއަށް އަރާނެ،" އަފްޒަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާ ދަތުރު ކުރި މަގު ކަސްޓަމްސްއަށް އޮޅުވައިލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ. އެގޮތުން އޭނާ ދަތުރު ކޮށްފައި ވަނީ ބެންކޮކުން ދުބާއީއަށް ގޮސް ދުބާއީން މާލެއަށް ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި ބަލައި ފާސް ކުރުމުގެ ތެރޭގައި އެ މީހާގެ އަތުން ފޭކު ޓިކެޓެއް ފެނުނު ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.
"ފާހަގަކޮށްލަންޖެހޭ ކަމަކީ މިއީ ރާއްޖެއަށް އައި މެލޭޝިއާގެ ޕެސެންޖަރެއްގެ އަތުން މަސްތުވާތެކެތި ފެނުނު ފުރަތަމަ ފަހަރު އިނގޭތޯ، އަދި ބަރުދަނުގެ ގޮތުން ބަލާއިރުގައި މިއީ މިއަހަރުގެ މިހައިތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ކޭސް މިއީ،" އަފްޒަލް ވިދާޅުވި އެވެ.
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.













