ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުނޫ މަހާވަރުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. ދެ ބޭފުޅުން ކުރެއްވި މަޝްވަރާއާ ގުޅޭ މައުލޫމާތު އެ އިދާރާއިން ހާމަކޮށްފައި ނުވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އަދި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވެސް އަބްދުއްރަހީމްގެ އަރިހުގައި އިންޑިއާގެ ސަފީރާ ބައްދަލުކުރެއްވި އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގައި "އިންޑިއާ އައުޓް" ހަރަކާތް ވަރުގަދަ ހަތިޔާރަކަށް ވިއިރު އެ ކެމްޕޭން އިސްކޮށް ލީޑު ކުރެއްވުމުގައި މަޖިލިސް ރައީސް އޭރުގެ އިދިކޮޅުގައި ހުންނަވައި ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މި ސަރުކާރު ވުޖޫދުވުމަށް ފަހު އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް, މިފަހުން ދެ ގައުމުގެ ގުޅުން ރަނގަޅުވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.














