ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން ކުރިން އިއުލާނުގައި ހުޅުވާލާފައި ވަނީ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1، ސާޖަންޓް ގްރޭޑް 2، ސާޖަންޓް ގްރޭޑް 3، ސީނިއަރ ސާޖަންޓް ގްރޭޑް 1، އަދި ސީނިއަރ ސާޖަންޓް ގްރޭޑް 2 އަށް ކުރިމަތިލުމަށެވެ.
ވަޒީފާއަށް ޝައުގުވެރިކަން ހުރި މީހުން ވަޒީފާއަށް އެދި ހުށައަޅާ ފޯމާއި އަދި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައަޅަން ޖެހޭ ލިޔުންތަކާއި އެކު އޮގަސްޓު އެކެއްގެ, 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމު ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން 16:00 އަށް ކަމަށް ފުލުހުން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
މި ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު އޮތް ފަރާތްތަކަށާއި، މީހުން ހޮވުމަށް ކުރިއަށްގެންދެވޭ އެސެސްމެންޓްތަކުން މަތީ ނަތީޖާތައް ހޯދާ ފަރާތްތަކަށާއި އަދި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، އެ މުއައްސަސާގެ ހިދުމަތް އަލަށް ގާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް ވެސް އެ އިއުލާނުގައި ވެެއެވެ.

މި މަގާމުތަކަށް މީހުން ހޮވުމަށް ބެލޭ އާންމު ޝަރުތުތަކަކީ މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުމާއި 34/2020 "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތު ފުރިހަމަވެފައިވާ ފަރާތެއް ކަމުގައި ވުމެވެ.












