ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލު ހިމަނައިގެން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ނުނެރޭތާ މަހެއް ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެ ރިޕޯޓް އެންމެ ފަހުން ނެެރުނީ ޖޫން 20 ގަ އެވެ.
ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ނެރުން މީގެ ކުރިން ވެސް ބައެއް ފަހަރު ލަސްވެފައި އެބަހުއްޓެވެ. އެހެން ނަމަވެސް އެ ރިޕޯޓް އާއްމުކުރުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާ ލަސްވެފައެއް ނުވެ އެވެ. މީގެކުރިން ދެ ހަފުތާއެއްވަރު ލަސްވިނަމަވެސް މަސްދުވަސް ވެގެންގޮސްފައެއް ނުވެ އެވެ.
ދައުލަތުގެ މާލީ ހިސާބުތައް އާއްމުނުކުރާތާ މަސްދުވަސް ވެފައި ވާއިރު އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ޖޫން 20، އާ ހަމައަަށް މި އަހަރު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަަޅައި ބަލާއިރު ބިލިޔަނެއްހާ ރުފިޔާ ވަނީ އިތުރުވެފަ އެވެ.
އެ ހިސާބުތަކުން ދެއްކި ގޮތުގައި 2023، އަހަރު، ޖޫން 20، އާ ހަމަައަށް ދައުލަތަށް ލިބުނީ 15.4 ބިލިޔަން ރުފިޔާ އެވެ. މިއަހަރުގެ އެ މުއްދަތުގައި 16.4 ބިލިޔަން ރުފިޔާ ލިބުނެވެ. ޖޫން މަހުގެ މުސާރަ ދިނުމުގެ ކުރިން ނެރުނު އެ ހިސާބުތަކުން ދައްކާގޮތުގައި މި އެ މުއްދަތުގެ ރިކަރަންޓު ހަރަދުތައްވެސް މިދިޔަ އަހަރަށްވުރެ ކުޑަ އެވެ.

ދައުލަތުގެ މާލީ ހިސާބުތަކުގެ އިތުރުން، ޓޫރިޒަމް މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ނެރުންވެސް ވަނީ ލަސްވެފަ އެވެ. އެ މިނިސްޓްރީން އާންމުކޮށް ކޮންމެ މަހެއްގެ ތަފާސް ހިސާބުތައް ޖެހިގެން އަންނަ މަހުގެ ފުރަތަމަ ހަފުތާގައި އާންމުކުރި ނަމަވެސް ޖޫން މަހުގެ އަދަދުތައް އަދިވެސް ހާމައެއް ނުކުރެ އެވެ.
އަދި، އެ މިނިސްޓްރީން ކޮންމެ ދުވަހަކު ނެރޭ ފަތުރުވެރިންގެ އަދަދުތައް ނެރުންވެސް ދަނީ މެދުކެނޑެމުންނެވެ. އެ ރިޕޯޓުތައް ނުނެރޭތާ ހަފުތާއެއްހާ ދުވަސް ވެފައިވާ ކަމަށް މި ނޫހުން ރިޕޯޓުކުރުމާއެކު މި މަހުގެ 15، އަދި 16، ގެ ހިސާބުތައް ނެރުމަށްފަހު އަނެއްކާވެސް ވަނީ މަޑުޖެހިފަ އެވެ.













