މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއީ އެ ހިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށެވެ.
ޑްރަގް އެންފޯސްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި އަތުލައިގަނެފައިވަނީ 1085.71 ގްރާމުގެ މަސްތުވާތަކެއްޗެވެ.
އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 39 އަހަރާ ދެމެދުގެ ހަތް މީހުންނެވެ. އެ މީހުންނާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ނަމަވެސް, ހަތް މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.
އަދި، މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.














