ބްރޫނާއީގައި ބާއްވާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާން އިމާމުންތަކެއް އެގައުމަށް ދާން ރޭ ފުރައިފި އެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އަދަދު" އަށް ވިދާޅުވި ގޮތުގައި ތަމްރީނު ޕްރޮގްރާމްއަށް ފުރި އިމާމުންގެ ތަމްރީނަށް ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެއެވެ.
އެނގިފައިވާ ގޮތުގައި މިފަހަރު ބުރޫނާއީއަށް ދިޔައީ 20 އިމާމުންނެވެ.
މިނިސްޓަރު ވިދާޅުވީ ބްރޫނާއީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި އިމާނުންނަށް ހަ މޮޑިއުލްއެއް ކިޔަވައިދޭނެ ކަމަށެވެ. އެއީ ހަދީސްގެ އަލީގައި މެދުމިނުގެ އުސޫލު، ހަރުކަށި ފިކުރުތަކުން ސަލާމަތްވުން، އިސްލާމީ ދައުވަތާއި ޒަމާނީ ގޮންޖެހުން، އިސްލާމީ ދައުވަތު ދިނުމުގެ ހުނަރާއި އުސޫލުތައް، ގުރުއާނާއި ސުންނަތުގެ އުސޫލުތައް ދެނެގަންނާނެ ގޮތް އަދި ސުންނަތް ޖަމާއަތުގެ އަގީދާ އެވެ.
އެ އިމާމުންގެ ތަމްރީނަށް ހަރަދުކުރަނީ ކޮން ފަރާތަކުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އެ ޕްރޮގްރާމްގެ ބައިވެރިން، ބުރޫނާއީގެ މިސްކިތްތަކާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބްރޫނާއީއަށް ދިޔަ އިމާމުންނަކީ އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީނު ހޯދައިދޭން އިސްލާމިކް މިިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން، ބޭރުގެ ތަމްރީނު ޕްރޮގްރާމަކަށް ދާ ތިން ވަނަ ބެޗެވެ. މިފަހަރު ފުރި އިމާމުންނާ އެކު އެފަދަ ޕްރޮގްރާމްތަކަށް ފޮނުވި އިމާމުންގެ އަދަދު 60 އަށް އަރަ އެވެ.
މީގެ އިތުރުން ވެސް ތަމްރީނު ޕްރޮގްރާމްތަކަށް މީހުން ފޮނުވުމުގެ މަސައްކަތް މިނިސްޓްރީ އިން ކުރަމުން ގެންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެގޮތުން އޮކްޓޯބަރު މަހުގައި މެލޭޝިއާއަށް 40 އިމާމުން ދާނެކަމަށާ އަންނަ މަހު މަހު 25 މީހަކު އިންޑޮނޭޝިއާ އަށް ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބި ބަސް ކިޔަވައިދޭން ކުވައިތުގައި ހިންގާ ހަ މަސް ދުވަހުގެ ޕްރޮގްރާމަކަށް ވެސް ޓީމެއް ފުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












