ރާއްޖޭގެ ޒުވާނުންގެ ތެރެއިން ކޮންމެ ފަސް ޒުވާނަކުން އެކަކީ ތައުލީމާ ދުރު އަދި ވަޒީފާ ވެސް އަދާނުކުރާ ޒުވާނުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން އާންމުކުރި ތަފާސް ހސާބުތަކުން ދައްކާގޮތުގައި ކޮންމެ ފަސް ޒުވާނަކުން އެކަކަކީ ތައުލީމެއް އަދި ވަޒީފާއެއް ނެތި އުޅޭ މީހެކެވެ. މި ތަފާސް ހިސާބުގައި ޒުވާނުންގެ ގޮތުގައި ބަލައިފައި ވަނީ 15 އަހަރާއި 24 އަހަރުގެ ދެމެދު މީހުންނެވެ. އެހެންކަމުން މިއީ ޖުމްލަ 10،416 ޒުވާނުންނެވެ.
ޒުވާނުންގެ ތެރޭގައި ތަޢުލީމާއި ވަޒީފާ ނެތި އެންމެ ގިނައީ އަންހެނުންނެވެ. އެއީ 5672 މީހުންނެވެ. އަދި ބާކީ ތިބި 4744 މީހުންނަކީ ފިރިހެނުންނެވެ.އޭގެ އިތުރުން، ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ އާބާދީގެ 34 ޕަސެންޓަކީ ވަޒީފާ އަދާ ކުރަ އުމުރަށް ނުދާ، ހަމައެކަނި ކިޔަވާ ކުދިންނެވެ. އަދި 34.2 ޕަސެންޓު ޒުވާނުންނަކީ މިވަގުތު ނުކިޔަވައި ވަޒީފާ އަދާ ކުރާ މީހުންނެވެ. ކިޔަވަމުން ވަޒީފާ ވެސް އަދާ ކުރަނީ 11.1 ޕަސެންޓު ކުދިންނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ޒުވާނުންގެ އާބާދީގެ 14.5 ޕަސެންޓަކީ ވަޒީފާ އަދާ ކުރާ އުމުރަށް ނުދާ އެކަމަކު ތައުލީމު ވެސް ހާސިލު ނުކުރާ ކުދިންނެވެ. ވަޒީފާ އަދާ ކުރާ އުމުރަށް ގޮސް، ވަޒީފާ އަދާނުކޮށް އަދި ނުކިޔަވަނީ ފަސް ޕަސެންޓު ޒުވާނުންނެވެ.
ބިއުރޯއިން އާންމު ކުރި މި ތަފާސް ހިސާބުތަކުގައި ހިމެނިފައިވަނީ 2022 ވަނައަހަރު ބޯހިމެނުމުން ނަގައިފައިވާ މަޢުލޫމާތުތަކެވެ.













