ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ ބަންދަށް އިތުރު ފަސް ދުވަސް އިއްޔެ ޖެހި އެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށްގެން ދިޔައީ ސިއްރުކޮށްގެންނެވެ. ޝަމްނާޒުގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ. ނަމަވެސް އެ މައްސަލައާ ރައީސްއާ ގުޅުމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ޝަމްނާޒުގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ ސަލީމް އާއި ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ. ނަމަވެސް, ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ދެ މީހުން ބަންދުގައި ތިބޭތާ ދެ ހަފްތާ ވަނީ ވެފަ އެވެ.
ޝަމްނާޒު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ވަރަށް އަރިސް ބޭފުޅެކެވެ. މުލިއާގެއިން، އެންވަޔަރަމެންޓު މިނިސްޓްރީ އަށް ޝަމްނާޒު ބަދަލުކުރި ސަބަބެއް ވެސް، އަދި ރައީސް މުއިއްޒުގެ "ކަނާތް" ކަމުގައިވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ދުރުކޮށްލި ސަބަބާ ގުޅޭ ގޮތުން ރައީސް އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރިއިރު، އެ މައްސަލަ ޕޮލިހަށް ހުށަހެޅީ ރައީސް އަދި އަނބިކަނބަލުން ސާޖިދާ ނޫން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވި އެވެ. އެހެން ވިދާޅުވީ، ޝަމްނާޒުގެ ދޮޅު މަހުގެ ދަރިފުޅަށް ގާތުން ދިނުމަށް ފުލުހުން ފުރުސަތު ނުދިންކަމާ ގުޅިގެން ފާޑުކިޔުންތައް އޮހެން ފެށުމުންނެވެ.
ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޝަމްނާޒު ހައްޔަރުކޮށްގެން ގެންގުޅެނީ ރައީސްއާ ގުޅުން ހުރި ސިއްރު މައުލޫމާތުތަކެއް ހޯދުމަށެވެ.
ޝަމްނާޒު ހައްޔަރު ކުރުމުގެ ކުރިން، އޭރު އޭނާ އާއި އާދަމް ރަމީޒު ދިރިއުޅެމުން ދިޔަ އެޕާޓުމެންޓާއި ހައްޔަރުކޮށްފައިވާ ޝަމްނާޒުގެ ކޮއްކޮ ހައްވާ ސަނާގެ އެޕާޓުމެންޓު ފުލުހުން ބަލައި ފާސްކުރި އެވެ. ނަމަވެސް ލިބިފައިވާ ހެއްކެއް ހާމައެއް ނުކުރެ އެވެ.
ޝަމްނާޒު އާއި ސަނާގެ ބަންދު ތިން ވަނަ ފަހަރަށް އިތުރުކުރިއިރު، ސިހުރިވެރިޔާ ކަމަށް ތުހުމަތުކުރާ މީހާ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.













