އެސިސްޓަންޓު ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒުގެ ހާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒަށް ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.
ހިތުގެ ބައްޔަށް އޭނާއަށް ފަރުވާދޭން ފަށާފައިވަނީ ރޭގައި ކަމަށްވެސް މައުލޫމާތު ލިބެ އެވެ. ރިޔާޒުގެ ހާލު ދެރަވީ ހިތުގެ ދެ ނާރެއް ބެދުމުގެ ސަބަބުންނެވެ. އަދި އައިޖީއެމްއެޗުން ރިޔާޒަށް އެންޖިއޮޕްލާސްޓީ ފަރުވާ ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އޭސީޕީގެ މަގާމުގެ އިތުރުން ރިޔާޒު ވަނީ ނޮވެމްބަރު 21، 2023 އާ ހަމައަށް ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަންގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
ރިޔާޒު އެސިސްޓަންޓު ކޮމިޝަނަރަކަށް އައްޔަނުކުރީ މާޗު 6, 2019 ގަ އެވެ. އެއީ ސެޕްޓެމްބަރު, 2017 ގައި އޭނާ ސުލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމަށް ފަހު ސިވިލް ކޯޓުން ޑިސެމްބަރު, 2018 ގައި އޭނާއާ އެއްކޮޅަށް ކުރި ހުކުމާ އެކު ފުލުހުންގެ ވަޒީފާއާ އަލުން ގުޅިވަޑައިގެން ހުންނަވަނިކޮށެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިންގި ބޮޑެތި ކުށްތަކުގެ ތަހުގީގުތަކުގައި ރިޔާޒު އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.
titledesc













