މާފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް 45, ގެ ހަށިގަނޑު އާއިލާއާ ދެކޮޅަށް ގެންދަން ފުލުހުން މަސައްކަތް ކުރުމަށްފަހު، ވަޅުލާން ފުލުހުން ހުއްދަ ދިނުމުން ޖަނާޒާގެ ކަންކަން ފުރިހަމަކޮށް ވަޅުލައިފި އެވެ.
ހުޅުމާލެ ސަހަރާ ހިމެނޭ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ހަށިގަނޑު ވަޅުލާން ހުރަސް އަޅައި، ހަށިގަނޑު ގެންދަން ފުލުހުން ވަނީ މަސައްކަތް ވެސް ކޮށްފަ އެވެ.
ނަމަވެސް އެ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު ވަޑައިގެން، އާއިލާއާ މަޝްވަރާ ކުރުމަށްފަހު ފަހުން ވަނީ ވަޅުލުމަށް ހުއްދަ ދީފަ އެވެ.
ޖަމީލުގެ ކަށު ނަމާދުގައި ގިނަ ބަޔަކު ބައިވެރިވިއިރު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނާ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޖަމީލުގެ ހަށިގަނޑު ވަޅުލުން: އޭނާގެ ހަށިގަނޑު ފުލުހުން ގެންދަން މަސައްކަތް ކުރުމަށްފަހު ފަހުން ވަޅުލާން ވަނީ ހުއްދަ ދީފައި -- ފޮޓޯ: އަދަދު

ޖަމީލުގެ ހަށިގަނޑު އާއިލާއާ ހަވާލުކުރިއިރު، މޫނުމަތީގައި ނޫފައިގެންފައިވާ ދެ ނަތަކާއި ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވާ ތަނެއް ހުރުމުން، އޭނާ މަރުވީ އަނިޔާގެ ސަބަބުން ކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.
ނަމަވެސް ޖަމީލުގެ އާއިލާއިން އޭނާގެ ހަށިގަނޑު ފުލުހުންނާ ހަވާލުކުރަން ދެކޮޅު ހެދި އެވެ. އަދި އާއިލާއިން މަސައްކަތް ކުރަމުން ދިޔައީ ޖަމީލުގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށް ވީހާ ވެސް އަވަހަށް ވަޅުލުމަށެވެ.
ހޯމް މިނިސްޓަރު ރޭ ވިދާޅުވީ ޖަމީލުގެ ޕޯސްޓްމޯޓަމް ހަދާނީ އާއިލާގެ ހުއްދައާއެކު ކަމަށެވެ. އާއިލާއިން އޭނާގެ ހަށިގަނޑު ރޭ 12:00 ޖެހިއިރު ވަޅުލާން މަސައްކަތް ކުރުމަށްފަހު، ފަހުން ވަޅުލާން ނިންމީ ފަތިހު އެވެ.
ޖަމީލުގެ މަރާ ގުޅިގެން ކަރެކްޝަނަލް ސާވިސް އިން މީޑިއާއަށް ކުރިން ބުނީ ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށެވެ.
އޭނާ ބަންދުކޮށްފައި ހުރީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެނެވެ. އޭނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ވެސްމެ އެވެ.












