ފުވައްމުލަކުގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަކަށް ބަޔަކު ހުރަސްއަޅައި ފުލުހަކަށް ހަމަލާދީ މިރޭ ޒަހަމުކޮށްލައިފި އެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ އޮޕަރޭޝަން ހިންގީ ފުވައްމުލަކު ދޫޑިގަން އަވަށުގައި ކަމަށާއި ހަމަނުޖެހުން ހިންގީ މަސްތުވާތަކެތި ގެންގުޅު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ކަމަށެވެ. ފުލުސް މީހާއަށް ލިބުނީ ކިހައިވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
"މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެތަނަށް އިތުރު ބަޔަކު އައިސް ފުލުހުންނާ ކުރިމަތިލައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވޭ، އަދި މި ކުރިމަތިލުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައިވޭ،" ފުލުހުންގެ މެސެޖުގައި ބުނެފައިވެ އެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އިތުރު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުން ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވެ އެވެ. ފުލުހުންނާ ކުރިމަތިލުމަށް ފަތިބުރި ތަކެއް ހިފައިގެން ޒުވާނުންތަކެއް ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













