ރަސްމީ ދަތުރެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މިނިސްޓަރު ޗައިނާއަށް ފުރާވަޑައިގެންފައިވަނީ މިއަދު އެވެ.
މި ދަތުރަކީ ޗައިނާގައި މިއަދުން ފެށިގެން މި މަހު 28 އަށް ކުރިއަށްދާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ އެ ގައުމުގެ ސިންޖިއަން ރީޖަންގެ އުރުމްގީގަ އެވެ.
"މި ދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެ، މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިވެލައްވާ،" މިނިސްޓްރީން ބުނެފައިވެ އެވެ.
މިއީ ވަޒީރުކަމުގެ ރުހުން ލިބިވަޑައިގަތުމަށްފަހު އިސްލާމިކް މިނިސްޓަރު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ކޮރަޕްޝަނުގެ ތުހުމަތުކޮށް ނިމިދިޔަ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ޝަހީމަށް ރުހުން ނުދިން ނަމަވެސް މި ސަރުކާރުން ފުރިހަމަ މެޖޯރިޓީ ހޯދާފައިވާ 20 ވަނަ މަޖިލީހުން އޭނާއަށް ވަނީ ރުހުން ދީފަ އެވެ.
ޗައިނާ ފާހަގަވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުގެ ގޮތުގަ އެވެ. އެގޮތުން ގިނަ މަޝްރޫއުތަކާއި އަސްކަރީ ދާއިރާއިން ވެސް މި ސަރުކާރުން ވަނީ ޗައިނާއާއެކު މަސައްކަތް ކުރަމުންނެވެ.












